ޚަބަރު
ރިޕޯޓް

ޕްރިމިއަރ ބޭންކު - މިއީ އަސްލު ކޮން ބައެއް؟

ހަސަން އަލީ
ހަސަން އަލީ
|| 28k
ޝެއާ ކުރޭ:
ޕްރިމިއަރ ބޭންކު - މިއީ އަސްލު ކޮން ބައެއް؟

މޯލްޑިވްސް ޕްރިމިއަރ ބޭންކަކީ ޓެކްނޮލޮޖީއަށް ބިނާކޮށް "ޑިޖިޓަލް-ފަސްޓް" އުސޫލުން ރާއްޖޭގައި ޚިދުމަތްދޭ 9 ވަނަ ބޭންކެވެ. މުޙައްމަދު ޢަލީ ޖަނާހްގެ ފައުންޑަރކަމާއި ދުބާއީގެ މޯޖޭ ގްލޯބަލްގެ ޕާޓްނަރޝިޕާއެކު އުފެއްދި މި ބޭންކުން ޒަމާނީ އެޕާއި ޕޯޓަލްގެ ޚިދުމަތް ދެއެވެ.

ދިވެހިރާއްޖޭގެ މާލީ ބާޒާރަށް އަލަށް ތަޢާރަފްވެގެންދިޔަ "މޯލްޑިވްސް ޕްރިމިއަރ ބޭންކް" އަކީ މިހާރު ރާއްޖޭގައި އެންމެ ބޮޑު ސަމާލުކަމެއް ހޯދަމުންދާ އައު މާލީ އިދާރާއެވެ. މިއީ މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭންކިންގް ލައިސެންސް ލިބިގެން، ރާއްޖޭގައި ރަސްމީކޮށް ޚިދުމަތް ދޭންފެށި 9 ވަނަ ކޮމާޝަލް ބޭންކެވެ. ބާސެލޯ ނަސަންދުރާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި ބޭންކުގެ ފުރަތަމަ ބްރާންޗާއި ޒަމާނީ ޑިޖިޓަލް މަންސަތައް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފައެވެ.

IMG_5763.jpeg

ބޭންކު އުފެދުނު ގޮތާއި މެނޭޖްމަންޓް

މޯލްޑިވްސް ޕްރިމިއަރ ބޭންކަކީ ރާއްޖޭގެ ބޭންކިންގް ނިޒާމަށް "ޑިޖިޓަލް-ފަސްޓް" ނުވަތަ ޓެކްނޮލޮޖީއަށް އިސްކަންދޭ އައު ވިސްނުމެއް ތަޢާރަފްކުރުމަށްޓަކައި އުފެއްދި ބޭންކެކެވެ. މި ބޭންކުގެ އެންމެ އިސް ހިންގުމުގެ އޮނިގަނޑު އެކުލެވިގެންވަނީ ތިރީގައިވާ ބޭފުޅުންގެ މައްޗަށެވެ:

  • ފައުންޑަރ އަދި މައިގަނޑު ހިއްސާދާރު: ރައީސުލްޖުމްހޫރިއްޔާގެ އިޤްތިޞާދީ އަދި ވިޔަފާރީގެ މުޝީރު، މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު ޢަލީ ޖަނާހް އެވެ. ބޭންކުގެ އަސްލު މިލްކުވެރިކަމާއި އެންމެ އިސް ހިއްސާ އޮންނަނީ އޭނާގެއެވެ.

  • IMG_5768.jpeg
  • މޯލްޑިވްސް ޕްރިމިއަރ ބޭންކުގެ ޗެއާޕާސަން ޢާއިޝާ ނޫރްޢައިން ޖަނާޙް ރައީސް ޑރ. މުޢިއްޒާއި ސަލާމް ކުރައްވަނީ. އަދި ކައިރީގައި ޢެ ބޭންކުގެ ފައުންޑަރ ޖަނާޙް

  • ޗެއަރޕާސަން: މުޙައްމަދު ޢަލީ ޖަނާހްގެ ދަރިކަނބަލުން ޢާއިޝާ ނޫރްޢައިން ޖަނާޙް އެވެ. ނޫރްޢައިން އަކީ ފައިނޭންސް އަދި ކޯޕަރޭޓް ގަވަރނަންސް ދާއިރާގެ ބައިނަލްއަޤްވާމީ ތަޖުރިބާކާރެއްގެ އިތުރުން އެމް.އޭ.ސީ.އެލް ގެ ވެސް ޗެއަރޕާސަން އެވެ.

  • ޗީފް އެގްޒެކެޓިވް އޮފިސަރ (CEO): ބޭންކު ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވީ ބައިނަލްއަޤްވާމީ ބޭންކިންގް ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އަރާ ސަދާވާ


މައިކުންފުނި އަދި ޝެއާހޯލްޑަރު ކުންފުނި އުފެދުނު ގޮތް

މި ބޭންކުގެ މާލީ އަދި ޓެކްނޮލޮޖީގެ ބައިނަލްއަޤްވާމީ މައިގަނޑު ޕާޓްނަރަކީ ޔޫ.އޭ.އީ ގެ ދުބާއީގައި ހެޑްކުއާޓަރު ހުންނަ "މޯޖޭ ގްލޯބަލް ހޯލްޑިންގް" އެވެ.

IMG_5771.jpeg
  • އުފެދުނު އަހަރާއި ތަން: މި ކުންފުންޏަކީ 2020 ވަނަ އަހަރު ދުބާއީ އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރ ގައި ރަޖިސްޓްރީކޮށްގެން އުފެއްދި ޕްރައިވެޓް އިންވެސްޓްމަންޓް ހޯލްޑިންގ ކުންފުންޏެކެވެ.

  • އުފެދުނު ގޮތް: މި ކުންފުންޏަކީ ޓެކްނޮލޮޖީ، ރޮބޮޓިކްސް، ރިއަލް އެސްޓޭޓް އަދި ފިންޓެކް ދާއިރާތަކަށް އަމާޒުކޮށްގެން ބައިނަލްއަޤްވާމީ ވިޔަފާރިވެރިން ގުޅިގެން އުފެއްދި ފަންޑެކެވެ. މޯލްޑިވްސް ޕްރިމިއަރ ބޭންކްގެ ހިއްސާގެ އޮނިގަނޑާއި ނަމަށް، އެމްއެމްއޭގެ އިރުޝާދާ އެއްގޮތަށް ގެނައި ބަދަލުތަކުގެ ތެރެއިން މި ކުންފުނި ވަނީ ބޭންކުގެ ބައިނަލްއަޤްވާމީ މައިގަނޑު ޕާޓްނަރެއްގެ ގޮތުގައި ގުޅިފައެވެ.


ބޭންކަށް ފައިސާ ލިބުނު ނުވަތަ ހޯދި ގޮތް

މޯލްޑިވްސް ޕްރިމިއަރ ބޭންކް ވުޖޫދަށް ގެނައުމަށް ބޭނުންވާ މާލީ ރައުސްމާލު ހޯދާފައި ވަނީ މައިގަނޑު ދެ ގޮތަކަށެވެ:

  1. ފައުންޑަރ ޖަނާހްގެ އަމިއްލަފުޅަށް: ރާއްޖޭގެ ބޭންކިންގް ޤާނޫނާއި އެމްއެމްއޭގެ އުސޫލުތައް ބުނާގޮތުން، ރާއްޖޭގައި އަލަށް ކޮމާޝަލް ބޭންކެއް ހުޅުވުމަށްޓަކައި މަދުވެގެން 150 މިލިއަން ދިވެހި ރުފިޔާ ގެ "ޓިއަރ 1" ޕެއިޑް-އަޕް ކެޕިޓަލް ސެންޓްރަލް ބޭންކުގައި ބަހައްޓަންޖެހެއެވެ. މި ފައިސާ ފޯރުކޮށްދީފައި ވަނީ ބޭންކުގެ މައިގަނޑު މިލްކުވެރިޔާ މުޙައްމަދު ޢަލީ ޖަނާހް އެވެ.

  2. ބައިނަލްއަޤްވާމީ ޓެކްނޮލޮޖީ އިންވެސްޓްމަންޓް: ބޭންކުގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ، ސައިބަރ ސެކިއުރިޓީ އަދި ފިންޓެކް ސިސްޓަމްތައް އެންމެ މަތީ ފެންވަރަށް ޤާއިމުކުރުމަށް ބޭނުންވާ ބޮޑެތި މާލީ އިންވެސްޓްމަންޓްތަކާއި ފަންޑިންގް ހޯދާފައިވަނީ ދުބާއީގެ މޯޖޭ ގްލޯބަލް ހޯލްޑިންގްސްގެ ބައިނަލްއަޤްވާމީ ޕާޓްނަރޝިޕްގެ ދަށުންނެވެ.


ޒަމާނީ ޑިޖިޓަލް ޚިދުމަތްތަކާއި މަންސަތައް

މޯލްޑިވްސް ޕްރިމިއަރ ބޭންކަކީ ކަސްޓަމަރުން ބޭންކަށް ދާންޖެހޭ ދިއުން މަދުކޮށް، ހުރިހާ ޚިދުމަތެއް ފޯނުން ނުވަތަ ކޮމްޕިއުޓަރުން ހޯދޭނެ މަގު ފަހިކޮށްދޭ ބޭންކެކެވެ. އެގޮތުން ބޭންކު ހުޅުވުމާއެކު ރަސްމީ މޯބައިލް އެޕްލިކޭޝަނާއި އިންޓަރނެޓް ބޭންކިންގް ޕޯޓަލް ވަނީ ތަޢާރަފްކޮށްފައެވެ. ބައިނަލްއަޤްވާމީ ގޮތުން ފައިސާ ފޮނުވުމާއި މުއާމަލާތްތައް ރައްކާތެރިކުރުމަށްޓަކައި ދުނިޔޭގެ މަޝްހޫރު ފައިނޭންޝަލް ސޮފްޓްވެއަރ ކުންފުންޏެއް ކަމަށްވާ "ފިނާސްޓްރާ" ގެ ޒަމާނީ ސިސްޓަމްތައް މި ބޭންކުގައި ވަނީ ޤާއިމުކޮށްފައެވެ.

މި ބޭންކުން އާންމު ފަރުދުންގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި ކޯޕަރޭޓް ކަސްޓަމަރުންނަށް ބޭނުންވާ މާލީ ޚިދުމަތްތައް 24 ގަޑިއިރު ފޯރުކޮށްދޭނެއެވެ.

ކޮމެންޓްތައް

ކޮމެންޓް ކުރައްވަން ލޮގިން ކުރައްވާ

ލޮގިން