މި އިވެނީ ފިތްކަނޑައިގެންދާ ކަހަލަ ވާހަކަތަކެވެ. ލ. ގަމުގައި އީދު ފާހަގަކުރުމަށް ވަމުންދިޔަ ތައްޔާރީތަކުގެ ތެރެއިން ކަރަންޓުގައި ޖެހި ކުޑަކުއްޖެއްގެ ހާލު ސީރިއަސްވެ މާލެ ގެނެސް އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރަށް ލައިގެން ފަރުވާ ދެމުންގެންދާ ވާހަކައެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަންގާރަ ދުވަހުގެރޭ، ގަމުގައި ޢީދު ފާހަގަކުރުމަށް ވަމުންދިޔަ ތައްޔާރީގެ ތެރެއިން މަގުމަތީގައި ހުރި ކަރަންޓު ފޮއްޓަކުން ބޯޑު ވާގަނޑަކަށް ކަރަންޓު ގުޅަން އުޅުމުގެ ތެރޭގައެވެ.
ހާދިސާ ހިނގި ވަގުތުން ފެށިގެން އެ ކުއްޖާއަށް އެންމެ ފުރަތަމަ ކުއްލި ފަރުވާ ދީފައިވަނީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައެވެ. ނަމަވެސް، ކުއްޖާގެ ހާލު ސީރިއަސްވެ، ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް އިއްޔެ މެންދުރުގެ ވަގުތެއްގައި ވަނީ މާލެ ގެނެސްފައިއެވެ.

ސުވާލު
އެކުއްޖާ އަށް ކަރަންޓު ޖެހެންވީ ކީއްވެ؟
އެ ކުއްޖާ އަކީ ކަރަންޓާއި ކައިރިވެވުނީ ކީއްވެ؟
ކަރަންޓް ޑިސްޓްރިބިއުޝަން ފޮށި ހުޅުވައިގެން އެއިން ކަރަންޓް ނަގާއިރު ސަލާމަތީ ފިޔަވަޅުތައް އަޅަން ކައުންސިލާއި އިންޖީނުގޭ މުވައްޒަފުންގެ ޒިންމާއެއް އޮންނަން ޖެހޭތަ؟
މިއީ ހައްތާވެސް ސުވާލެވެ. މިފަދަ ސުވާލުތައް އުފެދޭނީ ވެސް މިފަދަ ކަމެއް ލައިގަތީމައެވެ. ހަލާ ދަނޑީގެ ދެކޮޅު ބަލަން ޖެހެއެވެ.

