ކާބޯވޭޑޭ 3-2 އިން ބަލިކޮށް، އާޖެންޓީނާ އިން 2026 ގެ ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ބުރުގެ ޖާގަ ކަށަވަރުކޮށްފިއެވެ.

ފޯރިގަދަ ކުޅުމެއް ފެނުނު މިމެޗަކީ ލިއޮނަލް ސުކަލޯނީގެ ކޯޗުކަމުގައި އާޖެންޓީނާ ކުޅުނު 100 ވަނަ މެޗެވެ.
1. ފުރަތަމަ ހާފު: މެސީގެ ތާރީހީ ރެކޯޑް އިތުރުވުން
މެޗު ފެށިގެން އާޖެންޓީނާއިން ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔައިރު، ކާބޯވޭޑޭއިން ދިޔައީ ވަރުގަދައަށް ދިފާއު ކުރަމުންނެވެ. ނަމަވެސް މެޗުގެ 29 ވަނަ މިނެޓުގައި ލިސަންޑުރޯ މާޓީނޭޒް މަތިން ދިން މޮޅު ބޯޅައެއް ކޮންޓްރޯލް ކޮށްލުމަށްފަހު، ލިއޮނަލް މެސީ ވަނީ ގޯލުގެތެރެއަށް ފޮނުވާލައި އާޖެންޓީނާއަށް ކުރިހޯދައިދީފައެވެ. މިއީ މެސީ ވޯލްޑް ކަޕްގައި ޖެހި 20 ވަނަ ގޯލެވެ.

2. ދެވަނަ ހާފު: ކާބޯވޭޑޭއިން ސިއްސުވާލުން
މުޅި މެޗުގައިވެސް އެއްވަރެއްގެ މޮޅު ކުޅުމެއް ދައްކަމުން ދިޔަ ކާބޯވޭޑޭއިން، މެޗުގެ 59 ވަނަ މިނެޓުގައި ފުރަތަމަ ފަހަރަށް ނަތީޖާ އެއްވަރު ކުރިއެވެ. ރަޔާން މެންޑޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލް ކާމިޔާބު ކޮށްދިނީ ޑެރޯއި ޑުއާޓޭއެވެ. ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން އެއްވަރުވުމުން މެޗު ދިޔައީ އިތުރު ވަގުތުގެ 30 މިނެޓަށެވެ.
3. އިތުރު ވަގުތު: ފޯރިގަދަ ގޯލްތަކެއް
93 ވަނަ މިނެޓު: އާޖެންޓީނާގެ ލިސަންޑްރޯ މާޓީނޭޒް ގޯލެއް ޖަހައި އަލުން އާޖެންޓީނާއަށް ކުރި ހޯދައިދިނެވެ.
104 ވަނަ މިނެޓު: ކާބޯވޭޑޭގެ އުންމީދުތައް އާކޮށްދިނީ ޖޮވާނޭ ކަބްރާލް ޖެހި ހިތްގައިމު ގޯލުންނެވެ. ނަތީޖާ 2-2 އަށް ބަދަލުވިއެވެ. މި ގޯލަކީ ހެސްކިޔާފަ ރީތި، ޗާލު ގޯލެކެވެ. ގޯލު ޖެހުމަށްފަހު ދުވެފަ އެ ދިޔަ ގޮތަށް އޭނާ ގޮސް ބައްދަލުލުރީ މެޗު ބަލަން ވަދެ ތިބި އާއިލާގެ މެންބަރުންނާއެވެ.

އާޖެންޓީނާ މޮޅުވި ގޯލް: މެޗު ނިމެން ދަނިކޮށް އާޖެންޓީނާ ސަލާމަތްވީ މެސީ ނަގައިދިން ކޯނަރަކުން ކާބޯވޭޑޭގެ ކުޅުންތެރިއެއްހެ އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ. މި ގޯލާއި އެކު އާޖެންޓީނާ ގަދަ 16 އަށް ދިޔައިރު ފާހަގަ ކޮށްލަން ޖެހޭ މުހިއްމު ކަމަކީ މި މެޗު ވެގެން ދާނީ މެސީ އާއި މިސުރުގެ މުޙައްމަދު ސަލާހުގެ ކުރިމަތިލުމަކަށެވެ. މި މެޗް ކުޅެން ހަމަޖެހިފައި އޮތީ ޖުލައި 7 ވާ އަންގާރަ ވިލޭރޭ ރާއްޖެ ގަޑިން މެންދަމު 2 ޖަހާއިރުގައެވެ.

