ފީފާ ވޯލްޑްކަޕްގެ ގަދަ 16 ގެ ފޯރިގަދަ މެޗުގައި ނޯވޭއިން 2-1 އިން ބްރެޒިލް ބަލިކޮށް، ތާރީޚުގައި ފުރަތަމަ ފަހަރަށް ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ. ފަސްފަހަރުގެ ޗެމްޕިއަން ބްރެޒިލް މުބާރާތުން ކަޓައިގެން ދިޔައީ ކޯޗު ކާލޯ އަންޗެލޮއްޓީގެ ޓެކްޓިކަލް ނިންމުންތަކަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ.
މެޗުގެ ފަހު ހާފުގައި ނޯވޭގެ އާލިންގް ހާލަންޑް ޖެހި ދެ ގޯލާއެކު އޭނާ ވަނީ މި ވޯލްޑްކަޕްގައި ޖުމްލަ 7 ގޯލު ހަމަކޮށްފައެވެ. ބްރެޒިލްގެ ހަމައެކަނި ލަނޑު އިތުރު ވަގުތުގައި ޕެނަލްޓީއަކުން ޖަހައިދިނީ ނޭމާއެވެ.
ދިވެހިންގެ ފޭވަރިޓް ބްރެޒިލް ބަލިވުމުގައި އަންޗެލޮއްޓީ ހެދި ފުރަތަމަ ގޯހަކީ ނޭމާ ބެންޗުގައި ބައިންދައި، މެޗުގެ 14 ވަނަ މިނެޓުގައި ލިބުނު ފުރަތަމަ ޕެނަލްޓީ ޖަހަން ބްރޫނޯ ގިމަރޭޒްއަށް ފުރުސަތު ދިނުމެވެ. އެ ޕެނަލްޓީ ނޯވޭގެ ކީޕަރު ނީލަންޑް ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ 58 ވަނަ މިނެޓުގައި މަތިއަސް ކުންހާގެ ބަދަލުގައި އެންޑްރިކް ކުޅެން އަރުވައި، ޓީމުގެ ފޯމޭޝަން 4-2-4 އަށް ބަދަލުކުރުމަކީ އަންޗެލޮއްޓީއަށް ހެދުނު އެންމެ ބޮޑު ޓެކްޓިކަލް ގޯހެވެ. މި ބަދަލާއެކު ބްރެޒިލްގެ މެދުތެރެ މުޅިން ހާލިވީއެވެ. ހިތަށް އެރި ގޮތަކަށް މުޅި މެދުތެރޭގައި ނޯވޭ މީހުން ދިޔައީ ބޭނުން ގޮތަކަށް ބޭނުން އެއްޗެއް ހަދަމުންނެވެ، މިހެން މި ދެންނެވީ ނޯވޭގެ މާޓިން އޮޑެގާޑް އަދި ސަންޑަރ ބާގް މެޗުގެ ކޮންޓްރޯލް އަތުލުމުންނެވެ. ބްރެޒިލްގެ ހާފަށް ނޯވޭ އަށް ބޮޑަށް ނުރައްކާ ކުރެވުނީ މި ސަބަބާއި ހެދިއެވެ. އަނެއްކޮޅުން ދުވެލި ހަލުވި ޑެނީލޯ ފަދަ ކުޅުންތެރިން ބޭނުން ނުކުރެއެވެ.
ބްރެޒިލްއިން މާ ބޮޑަށް އެޓޭކަށް ވިސްނައިގެން ކުރިއަށް ޖެހުމުން، ފަހަތް ބަލިކަށި ވީ އިރު ނޯވޭއިން ޖެހި ދެ ގޯލަކީވެސް ބްރެޒިލްގެ އެޓޭކްތައް ހުއްޓުވުމަށްފަހު، އެންޑްރިއަސް ޝްޖެލްޑަރަޕް ދިން ދެ އެސިސްޓުން ހާލަންޑް ކާމިޔާބުކުރި ދެ ލަނޑެވެ. ކަސެމީރޯއަށް އެކަނި މެދުތެރޭގައި ހުރެގެން ނޯވޭގެ ކައުންޓާ އެޓޭކްތައް ހުއްޓުވޭ ހެއްޔެވެ؟ ނޫނެކެވެ. މިއީ ކޯޗުގެ މިސްޓޭކެކެވެ.

މެޗަށް އަވަސް ކަޅިއަކުން..
ފުރަތަމަ ހާފުގައި ބްރެޒިލްގެ ބްރޫނޯ ގިމަރޭޒް ފޮނުވާލި ޕެނަލްޓީ ނޯވޭގެ ކީޕަރު އޮރްޔަން ނީލަންޑް ވަނީ ދިފާއުކޮށްފައެވެ.
ނޯވޭއިން މެޗުގެ ލީޑުނެގީ 79 ވަނަ މިނެޓުގައި އާލިންގް ހާލަންޑް ބޮލުން ޖެހި ގޯލަކުންނެވެ. އަދި 90 ވަނަ މިނެޓުގައި ހާލަންޑް ވަނީ ދުރުން ފޮނުވާލި ބާރު ހަމަލާއަކުން ނޯވޭގެ ދެވަނަ ގޯލު ޖަހާފައެވެ. ބްރެޒިލްގެ ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ނޭމާއެވެ. މިއީ (90+10 މިނެޓުގައި) ނޯވޭގެ އޮސްޓިގާޑް ބްރެޒިލްގެ ކަސެމީރޯއަށް އުޅަނބޮށިން ހަމަލާދިނުމުން ލިބުނު ޕެނަލްޓީއެކެވެ.
ގޯލުތަކާއި ޖުމްލަ އަދަދުތައް
އާލިންގް ހާލަންޑް (ނޯވޭ): 2 ގޯލު (މި ވޯލްޑްކަޕްގެ ޖުމްލަ: 7 ގޯލު)
ނޭމާ (ބްރެޒިލް): 1 ގޯލު (މި ވޯލްޑްކަޕްގެ ޖުމްލަ: 1 ގޯލު)

