ޚަބަރު
ކުޅިވަރު

ފުރުސަތުގެ ބޭނުން ނުހިފި އަފްޣާން އަތުން ރާއްޖެ ބަލިވެއްޖެ

ހަސަން އަލިމަނިކު (މަނިކުފާނު)
ހަސަން އަލިމަނިކު (މަނިކުފާނު)
|| 2.2k
ޝެއާ ކުރޭ:
ފުރުސަތުގެ ބޭނުން ނުހިފި އަފްޣާން އަތުން ރާއްޖެ ބަލިވެއްޖެ

އަފްޣާނިސްތާނުގެ ނުރައްކާތެރި ގިނަ ހަމަލާތައް ހުއްޓުވުމުގައި އެންމެ މޮޅު ކުޅުމެއް ދެއްކީ ޑިފެންޑަރު ހަސަން އިނާޒް

ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުން ރާއްޖެ ބަލިވެއްޖެއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އަފްޣާނިސްތާން ވަނީ ރާއްޖެ އަތުން 0-1 އިން މޮޅުވެފައެވެ.

އަފްޣާނިސްތާނުގެ ޓީމުން މެޗު ފެށީ އެޓޭކިން ވިސްނުމަކުންނެވެ. އެ ޓީމުން ވަނީ ފުރަތަމަ 10 މިނެޓުގައި ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ.

ރާއްޖެއިންވެސް ފުރަތަމަ ހާފުގައި ނުރައްކާތެރި ހަމަލާތަކެއް އުފެއްދިއިރު، ހާއްސަކޮށް ކައުންޓަރ އެޓޭކްތަކުގައިވެސް ވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ.

ފަސް ވަނަ މިނެޓުގައި ރާއްޖޭގެ ކެޕްޓަން ހަމްޒާ މުހައްމަދު ކުރިއަށް ދާން މަސައްކަތް ކުރި ނަމަވެސް އަފްޣާނިސްތާނުގެ ކީޕަރު އޭނާ އަށް ފައުލްކޮށް ވައްޓައިލީއެވެ. އެ ފައުލާއި ގުޅިގެން ރެފްރީ ވަނީ ކީޕަރަށް ރީނދޫ ކާޑު ދައްކާފައެވެ.

މި ފައުލާއި އެކު ލިބުނު ހިލޭޖެހުން އައިސަމް ފޮނުވައިލި ބޯޅަ ކީޕަރު ވަނީ މަތަކޮށްފަ އެވެ.

މީގެއިތުރުން މެޗުގެ 27 ވަނަ މިނިޓްގައި އޭރިއާ ތެރޭގައި ހުރި ހަމްޒާ އަށް އަފްޣާނިސްތާނުގެ ކީޕަރު ދިން ޕާހަކުން ލިބުނު ބޯޅަ ވެސް ބޭނުން ހިފޭ ގޮތެއް ނުވިއެވެ. އޭނާ ހުރީ ބެލެންސް ގައެވެ.

ފުރަތަމަ ހާފް ނިމުނީ ދެ ޓީމަކަށް ވެސް ލަނޑެއް ނުޖެހި އެވެ.

ދެވަނަ ހާފް ރާއްޖެއިން ފެށީ ބަދަލަކާއެކުގައެވެ. ޒުވާން ތަރި އަހުޒަމް ރަޝީދުގެ ބަދަލުގައި ކުޅެން ނުކުތީ އަލީ ފާސިރު (ސެންޓޭ) އެވެ. ރާއްޖޭގެ ހަމަލާތައް ވަރުގަދަވެ، ފާސިރުގެ އެޓޭކިން ތަޖުރިބާގެ ސަބަބުން އަފްޣާނިސްތާނުގެ ގޯލަށް ނުރައްކާވާން ފެށި އެވެ.

ދެވަނަ ހާފުގައި ކެޕްޓަން ހަމްޒާގެ ބަދަލުގައި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ކުޅެން އެރިއެވެ. ނާއިޒް ހަސަން (ދާދު) އާއި އުއްމީދީ ތަރި ނަސާހު އިބްރާހިމް ވެސް ކުޅުމަށް އައިސްފައިވާއިރު، ރާއްޖޭގެ ހަމަލާތައް އާ ކުޅުންތެރިންނާ އެކު ވަރުގަދަވިއެވެ.

މެޗުގެ 68 ވަނަ މިނެޓްގައި އިބްރާހިމް މަހުދީ ޑީ އޭރިއާ ބޭރުން ފޮނުވާލި ބޯޅައެއް، ވަރަށް ބާރަށް ފޮނުވާލި ނަމަވެސް އެ ބޯޅަ އަފްޣާނިސްތާނުގެ ކީޕަރު ފައިސަލް އަހުމަދު ވަނީ މަތަކޮށްފައެވެ.

އޭގެ ދެ މިނެޓް ފަހުން ނަސާހު ވެސް ވަނީ ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ގޯލަށް އިންޒާރު ދީފަ އެވެ. އެ ހަމަލާ ވަނީ ކީޕަރު ފައިސަލް އަހުމަދު ވެސް ހުއްޓުވާފަ އެވެ.

އަފްޣާނިސްތާނުގެ ނުރައްކާތެރި ގިނަ ހަމަލާތައް ހުއްޓުވުމުގައި އެންމެ މޮޅު ކުޅުމެއް ދެއްކީ ޑިފެންޑަރު ހަސަން އިނާޒެވެ.

މީގެ އިތުރުން މުޅި މެޗުގައިވެސް އުއްމީދީ ގިނަ ކަންތައްތަކެއް ފެނިގެންދިޔައެވެ. ހާއްސަކޮށް މި މެޗުގައި ކުޅުމުގެ ފުރުސަތު ލިބުނު ޒުވާން ކުޅުންތެރިންގެ ފަރާތުންނެވެ.

މެޗުގެ ހަމައެކަނި ލަނޑު އަފްޣާނުން ޖެހީ މެޗުގެ 80 ވަނަ މިނެޓްގައެވެ. މުޅިން ހުސްކޮށް އޭރިއާ ތެރޭގައި ހުރެ ރޯމަން ފާޒީ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިފަ އެވެ.

މި ނަތީޖާއާއެކު ހުރިހާ ޓީމަކަށްވެސް މުބާރާތުގައި ކުރިޔަށް ދިޔުމުގެ އުއްމީދު ބޮޑެވެ. ހަވީރު ބަންގްލަދޭޝް އާއި ޕާކިސްތާން ކުޅުނު މެޗު ވީ އެއްވަރުވެފައިވެއެވެ.

ރާއްޖެ ދެން ކުޅޭ މެޗަކީ ބުދަ ދުވަހުގެ ހަވީރު ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗުގައި ބަންގްލަދޭޝް ބައްދަލުކުރާނީ އަފްޣާނިސްތާނާ ދެކޮޅަށެވެ.

ކޮމެންޓްތައް

ކޮމެންޓް ކުރައްވަން ލޮގިން ކުރައްވާ

ލޮގިން