މެދުއިރުމަތީގެ ހަނގުރާމައިގެ ނޭދެވޭ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ކޮށްފައިވާއިރު، އެ ހަގީގަތް ފޮރުވުމަށް ސަރުކާރުން މަސައްކަތް ކުރާކަން ފާހަގަކުރެވޭ ކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭ ގޮތުން މިނިސްޓަރު އަމީން އިތުރުފުޅު ހައްދަވައިފި ކަމަށް، ރަޝިއާ އާއި މެދުއިރުމަތި އަދި ޔޫރަޕާއި އޭޝިއާގައި ރާއްޖެ ޕްރޮމޯޓްކުރާ ރިސޯޓްލައިފްގެ އޯނަރު ޝާޒް ވަލީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީން ހުންނަވާ ޓުއަރިޒަމްގެ ވަޓްސްއެޕް ގްރޫޕްގައި ޝާޒު މިހެން ވިދާޅުވީ، މިހާލަތުގައި ވެސް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ކުރިޔަށް ވުރެ ގިނަވެއްޖެ ކަމަށް ދޭހަވާ ގޮތަށް މިނިސްޓަރު އަމީން ވިދާޅުވުމުންނެވެ.
“މި ހާލަތުގައި ވެސް ރާއްޖޭގެ މަތިންދާބޯޓު އޮޕަރޭޓްކުރާ އަދަދުތަކަށް ބަލާއިރުގަ ނަމްބަރ އޮފް ސީޓްސް އިނގޭތޯ، މިދިޔަ އަހަރުގެ ސަމާ ޝެޑިއުލަށްތުރެން މިއަހަރުގަ 2 ޕަސަންޓް އިތުރުކުރެވިއްޖެ. މިހާރު އެއާލައިންތަކާ އަޅުގަނޑުމެން ގުޅިގެން ކުރި މަސައްކަތްތަކުން. އެހެންވީމަ ޕެސެންޖަރުން އައުމުގެ އޮޕްޝަްސް މިދިޔަ އަހަރުއްތުރެން މިއަހަރުގަ މިއޮތް ހާލަތުގަވެސް އިރާދަކުރެއްވިއްޔާ ގޯހެއް ނުވާނެ” އަމީން ވިދާޅުވިއެވެ.
އެއަށް ރައްދު ދެއްވައި ޝާޒް ވަލީދު ވިދާޅުވީ މިނިސްޓަރު ތިޔަ ހައްދަވަނީ އިތުރުފުޅު ކަމަށާއި ރާއްޖެ އަށް 500 މިލިއަން ޑޮލަރުގެ ގެއްލުން ވާނެ ކަމަށެވެ.
މިނިސްޓަރު އަމީނަކީ ފަތުރުވެރިކަމުގެ ދާއިރާގައި އުޅުއްވުމަށްފަހު މިނިސްޓަރު ކަމުގެ މަޤާމަށް ވަޑައިގެންނެވި ބޭފުޅަކަށް ނުވާތީ، ދާއިރާގައި ކުރަލާފައިވާ ފުންނާބު އުސް ޝާޒް ވަލީދު އަށް އެނގޭ މިންވަރަށް ރާއްޖޭގެ ފަތުރުވެރިކަން އެނގޭނެ ވަކި އިތުރު ބޭފުޅަކު ނުހުންނަވާނެ ކަން ސްޓޭކްހޯލްޑަރުން ވެސް ޤަބޫލުކުރައްވައެވެ.
“އަޅުގަނޑު ގެ އެކުވެރި މިނިސްޓަރ އަމީން އެ ހެއްދެވީ އިތުރުފުޅެއް. ރާއްޖެ އަށް 500މިލިއަން ޑޮލަރ ހަމަ ގެއްލުން ވާނެ. އެއީ އާދައިގެ މީހާގެ ސިކުނޑިން ވިސްނާލިއަސް ހިސާބުން ދައްކަނީ ހަމަ ދަށް ވާނެ ކަމަށް. މިއަދު ކަޅުބާޒާރު ގައި ޑޮލަރ އެހެރީ 20.25 އަށް. ބެންކުތަކުގައި ޑޮލަރެއް ވެސް ނެތް. ފަތުރުވެރިން އަންނަ ރިސޯޓް ތަކުގެ އަގު ތައް އެހެރީ 200 ޑޮލަރުން ދަށައް ޖެހިލާފަ. މުވައްޒަފުންނަށް ސާވިސް ޗާރޖް ލިބުނުވަރު ދަށްވެއްޖެ. ރިސޯޓް ތަކުގައި ފަތުރުވެރިން އެތިބީ ސައްތައިން ސާޅިހުން ދަށުގަ. ރާއްޖެ އަށް ދަތުރުކުރާ ފްލައިޓް ތައް އަންނަނީ ހުސްކޮށް. ދަތުރު ކުރާ ފްލައިޓުތައް މަދުވީ”
އަމީން ދެއްކެވި ވާހަކަތަކަށް ޝާޒް ވަލީދު ދެއްވި ރައްދުގައި ހަގީގަތް ހާމަކުރަމުން ވިދާޅުވިއެވެ.

