މިއަދު ހެނދުނު ކ. ގަލުފަޅު ކައިރިން ދަތުރުކުރި "ޓުއާ ގާޑް" ނަމަކަށް ކިޔާ ލޯންޗެއްގައި ޖެހި އެކްސިޑެންޓް ވުމުން، އެހީތެރިކަން ނުދީ ފިލީ ސަޕްލައި ދޯންޏަކުން ކަމަށާއި އެ ދޯނި މިހާރު ދެނެގަނެފައި ވާކަމަށާއި މައްސަލަ ތަޙްޤީޤް ކުރަމުންދާ ކަމަށް ދިވެހި ފުލުހުން ބުނެފިއެވެ.
މިއަދު ވަރަށް ހެނދުނާ ހިނގި މި ހާދިސާގައި ލޯންޗުގައި ތިބި ދެ މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާތީ، އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ. އަނިޔާވެފައިވަނީ ލޯންޗުގެ ކެޕްޓަން (38 އަހަރުގެ ދިވެހި ފިރިހެނެއް) އަދި ބަނގްލަދޭޝްގެ ފަޅުވެރިއަކަށެވެ. ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ މިހާރު އެ ދެ މީހުންގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ތަހުގީގުގެ ތެރެއިން މިހާރު ވަނީ ލޯންޗުގައި ޖެހުނު އުޅަނދު ދެނެގަނެވިފައި ކަމަށެވެ. އެއީ ސަޕްލައި ދޯންޏެއްކަން ކަށަވަރުވެފައިވާއިރު، އެކްސިޑެންޓަށްފަހު މަޑުނުކޮށް ދިޔަ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ސީރިއަސްކޮށް ބަލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

