އީރާނާ ދެކޮޅަށް ރައީސް ޑޮނަލްޑް ޓްރަމްޕް ކުރަމުން ގެންދާ އަސްކަރީ ހަރަކާތްތައް ހުއްޓުވުމަށާއި، އޭނާއަށް ލިބިދީފައިވާ ހަނގުރާމައިގެ ބާރުތައް ކުޑަކުރުމަށް ހައުސް އޮފް ރެޕްރެޒެންޓެޓިވް (ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ) އިން ގަރާރެއް ފާސްކޮށް ޓްރަމްޕަށް "އިންޒާރެއް" ދީފި އެވެ.
ހައުސްގައި އަޣްލަބިއްޔަތު އޮންނަ ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ ހަތަރު މެންބަރަކު ވަނީ ޑިމޮކްރެޓުންނާ ގުޅިގެން މި ގަރާރަށް ތާއީދުކޮށްފަ އެވެ. މި ގާރާރު ފާސްވީ 215 ވޯޓު 208 ވޯޓުންނެވެ. މި ގަރާރު ދެން ފޮނުވާނީ ސެނެޓަށެވެ. ނަމަވެސް، އެންމެ ފަހުން ރައީސް ޓްރަމްޕް މި ގަރާރު ވީޓޯ ކުރައްވާނެ ކަމަށް ބެލެވެ އެވެ.
"މިއީ އެމެރިކާ ރައްޔިތުންގެ ފަރާތުން ޑޮނަލްޑް ޓްރަމްޕަށް ދޭ ވަރަށް ވަރުގަދަ އަދި ސާފު މެސެޖެއް: އީރާނުގައި އޭނާ އަމިއްލައަށް ފައްޓަވައިގެން އުޅުއްވާ، ރައްޔިތުންގެ މެދުގައި މަގުބޫލުކަން ކުޑަ އަދި ޣައިރުގާނޫނީ ހަނގުރާމަ ނިންމަންވީ ވަގުތު ޖެހިއްޖެ،" ހައުސް ފޮރިން އެފެއާޒް ކޮމިޓީގެ ޑިމޮކްރެޓުން އެކްސްގައި ލިޔެފައިވެ އެވެ.
ވައިޓްހައުސް އިން މި ގަރާރު ފާސްކުރި ނަމަވެސް، ދެން މިއަށް އަމަލުކުރެވޭނީ ރިޕަބްލިކަން ޕާޓީގެ އަޣުލަބިއްޔަތު އޮންނަ ސެނެޓުން މި ގަރާރު ފާސްވުމުންނެވެ. އެހެންނަމަވެސް، ސެނެޓުން މި ގަރާރު ފާސްވިޔަސް އީރާނާ ދެކޮޅަށް ކުރާ އަސްކަރީ ހަރަކާތްތައް މުޅިން ހުއްޓުވޭނެ ކަމަކަށް މާހިރުން ގަބޫލެއް ނުކުރެ އެވެ.
އީރާނާއި އެމެރިކާ ސިފައިންގެ މެދުގައި ހަމަލާތައް ބަދަލުކުރަމުން ދިޔަ ނަމަވެސް އަދި ސުލްހައިގެ މަޝްވަރާތަކުން މާބޮޑު ކުރިއެރުމެއް ފެންނަން ނެތް ނަމަވެސް، ޓްރަމްޕްގެ ސަރުކާރުން ބުނަމުންދަނީ އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ މިހާރު ނިމިފައިވާ ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި، މި ހަނގުރާމައަށް އެމެރިކާއިން މިހާތަނަށް މަދުވެގެން 29 ބިލިއަން ޑޮލަރު ހޭދަކޮށްފައިވާއިރު، އާންމުންގެ މެދުގައި މިކަމަށް އޮތް ދެކޮޅުވެރިކަން ދަނީ ބޮޑުވަމުންނެވެ. އެންމެ ފަހުގެ ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި، އެމެރިކާގެ %60 މީހުން މި ހަނގުރާމައިގައި ޓްރަމްޕް އަމަލުކުރައްވާ ގޮތާ މެދު ހިތްހަމައެއްނުޖެހެ އެވެ.
ހަނގުރާމަ ފެށުނު ފަހުން އީރާނުން 3،400އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އެމެރިކާގެ އަސްކަރިއްޔާގެ މަދުވެގެން 13 ސިފައިން ވަނީ މަރުވެފަ އެވެ.
ޓްރަމްޕަށް ތާއީދުކުރާ ރިޕަބްލިކަނުން ބުނަނީ، އީރާން ބަލިކަށިވެފައިވާ ދަނޑިވަޅެއްގައި މި ގާރާރު ފާސްކުރުމުން އެމެރިކާ ބަލިކަށިވެގެންދާނެ ކަމަށެވެ. ނަމަވެސް، ނޮވެމްބަރު މަހު ބާއްވާ މިޑްޓާމް އިންތިހާބު ކައިރިވަމުން އަންނާތީ ސިޔާސީ ބުރަ ބޮޑުވަމުންދާތީ، އެބޭފުޅުންގެ ހިތްހަމަނުޖެހުންތައް މިހާރު ދަނީ ފާޅުވަމުންނެވެ

