ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީ ހިފައިގެން ދަތުރުކުރަނިކޮށް އިސްރާއީލުގެ ސިފައިން ހިފެހެއްޓި "ގްލޯބަލް ސުމޫދު ފްލޮޓިލާ" ގެ އެކްޓިވިސްޓުން އެނބުރި ގައުމަށް ދިޔުމުން، ސްޕެއިންގެ ބިލްބާއޯ އެއާޕޯޓުގައި ފުލުހުން އެމީހުންނަށް އަނިޔާކޮށް ހައްޔަރުކޮށްފިއެވެ.
މި ހާދިސާ ހިނގާފައި ވަނީ އިއްޔެ ހަވީރުއެވެ.
ބިލްބާއޯ އެއާޕޯޓަށް ފޭބި ސްޕެއިނު އެކްޓިވިސްޓުންގެ ސަޕޯޓަރުންނާއި އާއިލާތަކުން މަރުހަބާ ކިޔަމުން ދަނިކޮށް ހިނގި ހަމަނުޖެހުންތަކެއްގައި އެކްޓިވިސްޓުންގެ ގައިގައި ފުލުހުން ވަނީ މުގުރުން ތަޅައި އަނިޔާވެރިކަމާއެކު ބައެއް އެކްޓިވިސްޓުން ހައްޔަރުކޮށްފައެވެ.
މި މައްސަލަ މިހާރު ވަނީ އެތަނުގެ ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް އައިސްފައެވެ. އަދި ފުލުހުންގެ އެތެރޭގެ ތަހުގީގެއް މިހާރު ވަނީ ފަށާފައެވެ.

