މި ދުވަސްވަރު ރާއްޖޭގައި އިންފްލުއެންޒާ އަދި އަރިދަފުސް ރޯގާ ފެތުރި، ބައެއް ގެތައް “ދޮވެލައިފިއެވެ”.
އާންމުން ބުނާ ގޮތުގައި ބައެއް ގެތަކުން ހުރިހާ އެންމެނަށް ވަނީ ރޯގާ ޖެހިފައެވެ. ބައެއް މީހުންނަށް އެނދުން ވެސް ނުތެދުވެއެވެ.
މިކަމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އާންމުން ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި، ސަމާލު ވުމަށް އިލްތިމާސްކޮށްފައެވެ.
އިންފްލުއެންޒާ އާއި އާދައިގެ ރޯގާގެ އަލާމާތްތައް އެއްގޮތްވި ނަމަވެސް އެއީ ދެ ވައިރަހަކުން ޖެހޭ ދެ ބައްޔެވެ. އަދި އިންފްލުއެންޒާއިން މީހާގެ ހަށިގަނޑަށް ކުރާ އަސަރު ބޮޑެވެ.
އެޗްޕީއޭއިން ބުނީ މިއީ އީދު ބަންދަށް ވެސް ވާތީ ބަލި އިތުރަށް ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެހެންވެ ބަލީގެ އަލާމާތްތައް ފެނިއްޖެ ނަމަ އެކަމަށް ސަމާލުވެ މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ނުދިޔުން މުހިންމު ކަމަށެވެ. އަދި ހުން އައިސް ނުވަތަ ނޭވާލާ ނިޒާމުގެ ބައްޔެއްގެ އަލާމާތެއް ފެންނަ ނަމަ ގޭގައި މަޑުކުރުން، އާންމު އެއްވުންތަކާއި ހަރަކާތްތަކުގައި ބައިވެރިނުވުމަށް އެދިފައިވެ އެވެ.
އިންފްލުއެންޒާ ވައިރަސް ޖެހިއްޖެ ނަމަ ފަސް އަހަރުން ދަށުގެ ކުދިން އަދި ހާއްސަކޮށް ދެ އަހަރުން ދަށުގެ ކުދިންނަށް ކުރާ އަސަރު ބޮޑުވެދާނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެ އެވެ. އިންފްލުއެންޒާ ޖެހި، ހަ ގަޑިއިރަށް ވުރެ ގިނަ ވަގުތު ކުޑަކަމުނުގޮސް ހޭދަވެއްޖެ ނަމަ އަދި ވަރުދެރަވެ ވަރަށް ބޮޑަށް ވަރުބަލިވެއްޖަ ނަމަ ނުވަތަ ގާތުން ކިރުބޯ ކުދިން ރަނގަޅަށް ކިރު ނުބޮއިފި ނަމަ ވީ އެންމެ އަވަހަކަށް ޑޮކްޓަރަށް ދައްކަން އިރުޝާދު ދީފައިވެ އެވެ.
އަދި ބަސް ޓާމިނާއި އެއާޕޯޓާއި އާންމު ދަތުރުފަތުރު ކުރާ ތަންތަނުގައި ހަރަކާތްތެރިވާއިރު ނޭފަތާއި އަނގަ ފޮރުވޭ ގޮތަށް މާސްކު އަޅަން ވެސް އިލްތިމާސް ކުރެ އެވެ. މީގެ އިތުރުން ސައިބޯނި ލައިގެން ގިނައިން އަތް ދޮންނަން ވެސް އިރުޝާދު ދީފައިވެ އެވެ.

