ބޭސް ލިބުމުގައި ހުރި ދަތިކަމަށް، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ރަނގަޅު ބޮޑު ބަދަލެއް އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ސިއްހީ ދާއިރާއަށް ދިމާވެފައިވާ ބޭހުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯއްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން، ރައީސް ވިދާޅުވީ މިކަމަށްޓަކައި ސަރުކާރުން އުފެއްދި "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި" (ސްޓޭޓް ފާމާ) އިން މިހާރު ވެސް މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
ދައުލަތުގެ މީޑިއާ "ޕީއެސްއެމް" ގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި، އެމަނިކުފާނުގެ އެންމެ ބޮޑު އިސްކަމަކީ ދިގު މުއްދަތަށް ބޭސް ބޭނުންކުރަން ޖެހޭ ބަލިމީހުންނަށް އެއްވެސް މެދުކެނޑުމެއް ނެތި ބޭސް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ.
އެކަމަށްޓަކައި އުފެއްދި ސްޓޭޓް ފާމާ ކުންފުނިން މިހާރުވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފި. އިރާދަކުރެއްވިއްޔާ ޖޫން ނުވަތަ ޖުލައި މަހާ ހަމައަށް ދާއިރު، ބޭސް ލިބުމުގައި ހުރި ތާށިކަމަށް ވަރަށް ބޮޑު ލުޔެއް ލިބި، ނިޒާމަށް ހެޔޮ ބަދަލެއް އަންނާނެ،
ރައީސް ޑރ. މުހައްމަދު މުއިއްޒު
ރާއްޖެއަށް ބޭނުންވާ ބޭހާއި ސިއްހީ އާލާތްތައް އެތެރެކުރުމުގެ ޒިންމާ މިހާތަނަށް އުފުލަމުން އައީ އެސްޓީއޯއިންނެވެ. ނަމަވެސް، މި ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ސްޓޭޓް ފާމާގެ ދަށަށް މި ހުރިހާ މަސައްކަތްތަކެއް ބަދަލުކުރުމުގެ އިންތިޒާމުތައް މިހާރު ދަނީ ކުރިއަށެވެ. އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން، އެސްޓީއޯގެ ދަށުން ހިންގާ ހުރިހާ ފާމަސީތަކާއި ބޭސް އެތެރެކުރުމުގެ މަސައްކަތް ރަސްމީކޮށް އާ ކުންފުނީގެ ދަށަށް ބަދަލުވާނެއެވެ.

