ޚަބަރު
ހަބަރު

އިދިކޮޅުން 'ނުވާނެ' ކަމަށް ބުނި ބޯހިޔާވަހިކަމުގެ ވައުދު 'ވާނެ' ކަމަށް ވިދާޅުވެ މި އަހަރުގައި ލިސްޓުތައް ޢާންމުކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

އާޔަން ސައުދުالله ލަޠީފް
އާޔަން ސައުދުالله ލަޠީފް
|| 30k
ޝެއާ ކުރޭ:
އިދިކޮޅުން 'ނުވާނެ' ކަމަށް ބުނި ބޯހިޔާވަހިކަމުގެ ވައުދު 'ވާނެ' ކަމަށް ވިދާޅުވެ މި އަހަރުގައި ލިސްޓުތައް ޢާންމުކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން ކުރަމުންދާ ބޮޑު މަސައްކަތުގެ ދަށުން، ގޯއްޗާއި ފްލެޓު ލިބޭ މީހުންގެ ފައިނަލް ލިސްޓު މިއަހަރުގެ ތެރޭގައި ރަސްމީކޮށް އިޢުލާނު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ޔަގީންކަން ދެއްވަްިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ފްލެޓާއި ގޯތި ހަވާލުކުރުމުގެ މުޅި ނިޒާމު ކުރިއަށްދަނީ އެއްވެސް ކަހަލަ ސިޔާސީ ނުފޫޒެއް ނެތް، ދެފުށް ފެންނަ އިންސާފުވެރި އުސޫލަކުން ކަމަށެވެ. މީގެ އިތުރުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފައިނޭންސްގެ ދަށުން ރާއްޖޭގެ 13 ރަށެއްގައި ހިންގާ ހައުސިން މަޝްރޫޢުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ޖުލައި މަހުގެ ތެރޭގައި ފެށި، ގިނަ އިމާރާތްތަކުގެ ކޮންކްރީޓް ފައުންޑޭޝަން އެޅޭނެ ކަމުގެ އުފާވެރި ޚަބަރުވެސް ރައީސް ވަނީ މިއަދު ހެނދުނު ލިބުނު މަޢުލޫމާތުތަކާ ހަވާލާދީ ހިއްސާކުރައްވާފައެވެ.

ފާހަގަ ކޮށްލަން ޖެހޭ ކަމަކީ މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ގުޅިގެން އިދިކޮޅު އެމްޑީޕީ އާއި މާލޭގެ މޭޔަރު ފަދަ ބޭފުޅުން ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ، ބިމުން މައްޗަށް އެރި އެއްވެސް ފްލެޓެއް ނެތް ކަމަށް ބުނެ މި މަސައްކަތްތައް ހަގީގަތަކަށް "ނުވާނެ" ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް، ރައީސް މުއިއްޒު ވަނީ އިދިކޮޅުގެ ވާހަކަތަކަށް ހޫނު ރައްދެއް ދެއްވައި، މިއީ ކުރީ ސަރުކާރުގެ އިހުމާލުން އުފެދުނު މައްސަލަތައް ހައްލުކުރުން ކަމަށާއި، މި ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި ރައްޔިތުންގެ ބޯހިޔާވަހިކަން "ވާނެ" ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

މި ދައުރުގެ ތެރޭގައި ބޯހިޔާވަހިކަމާއި ގުޅޭގޮތުން ސަރުކާރުން ވަނީ ގިނަ ނިންމުންތަކެއް ނިންމާފައެވެ. އެގޮތުން، 05 ނޮވެމްބަރު 2024 ގައި "ހިޔާވެހި ފައިނޭންސިން ޕްރޮގްރާމް" އިފްތިތާހުކޮށް، 25 ނޮވެމްބަރު 2024 ގައި ހުޅުމާލޭގެ 4,000 ފްލެޓް ޖުލައި 2025 އަށް ނިމޭނެ ކަމުގެ ޔަގީންކަން ދީފައިވެއެވެ. އަދި 08 ޑިސެމްބަރު 2025 ގައި 1 ކޮޓަރީގެ ފްލެޓް ލިބުނު މީހުންނަށް 3 ކޮޓަރީގެ ފްލެޓަށް އެޕްލައި ކުރެވޭ ގޮތަށް އުސޫލު ބަދަލުކޮށް، 31 ޖެނުއަރީ 2026 ގައި ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންގެ ޕްލޮޓް ނަންބަރު ކަނޑައެޅުމުގެ ގުރުއަތުލުން ވަނީ ބާއްވާފައެވެ. އެންމެ ފަހުން 23 މާރިޗު 2026 ގައި "ބިންވެރިޔާ ސްކީމް" ގެ ދަށުން ގޯތި ލިބޭ މީހުން އަމިއްލަ ބިން ދޫކޮށްލަން ނުޖެހޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފައިވާއިރު، ސަރުކާރުގެ މި ހަލުވި ފިޔަވަޅުތަކާއެކު ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހުވަފެންތައް މި ދައުރުގައި ހަގީގަތަކަށް ވާނެކަން މިހާރު ވަނީ ކަށަވަރުވެފައެވެ.

ކޮމެންޓްތައް

ކޮމެންޓް ކުރައްވަން ލޮގިން ކުރައްވާ

ލޮގިން