ޚަބަރު
ހަބަރު

ފައިނޭންޝަލް ހަބް ފެށޭނެ ދުވަހެއް ވެސް ނޭނގޭ

ހަސަން އަލީ
ހަސަން އަލީ
|| 2.7k
ޝެއާ ކުރޭ:
ފައިނޭންޝަލް ހަބް ފެށޭނެ ދުވަހެއް ވެސް ނޭނގޭ

މަޝްރޫޢު ކުރިއަށްގެންދާ ފަރާތުން އޭގެ މަސައްކަތުގެ ދާއިރާ ނުވަތަ 'ސްކޯޕް' އަށް ބޮޑު ބަދަލެއް ގެންނަން ބޭނުންވެގެން ހުށަހަޅާފައިވާ ކަމަށް ރައީސްގެ ތަރުޖަމާނު ފާހަގަކުރައްވާ

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ހަބްގެ މަޝްރޫޢު ހުއްޓިފައި ނުވާ ކަމަށާއި، މަސައްކަތް މަޑުޖެހިފައިވަނީ އެ މަޝްރޫޢުގެ ސްކޯޕަށް ބޮޑެތި ބަދަލުތަކެއް ގެންނަން އިންވެސްޓަރުން ބޭނުންވާތީ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެއެވެ.

ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏެއް ކަމަށްވާ، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާއި ދިވެހި ސަރުކާރާ ގުޅިގެން، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) ގެ ނަމުގައި މާލީ ފްރީޒޯނެއް ގާއިމްކުރަން ނިންމީ މިދިޔަ އަހަރުގެ މެއި މަހު އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މި މަޝްރޫޢާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުންދު ވިދާޅުވީ، މިދިޔަ އަހަރުގެ މޭމަހު ރައީސް ބައިވެރިވެވަޑައިގެން އިފްތިތާޙުކުރި 8.8 ބިލިއަން ރުފިޔާގެ މި ބިޔަ މަޝްރޫޢަކީ ހުއްޓިފައިވާ މަޝްރޫޢެއް ނޫން ކަމަށެވެ.

ނަމަވެސް، މަޝްރޫޢު ކުރިއަށްގެންދާ ފަރާތުން އޭގެ މަސައްކަތުގެ ދާއިރާ ނުވަތަ 'ސްކޯޕް' އަށް ބޮޑު ބަދަލެއް ގެންނަން ބޭނުންވެގެން ހުށަހަޅާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ހުޅުމާލޭގެ ތިން ވަނަ ފިޔަވަހީގައި ގާއިމްކުރާ މާލީ ފްރީ ޒޯނާ ގުޅޭގޮތުން ސަރުކާރުން ކުރިން ބުނެފައިވަނީ އެއީ ކުރިއަށް އޮތް 50 އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަށް ގެންދިއުމަށް މުހިއްމު ޕްރޮޖެކްޓެއް ކަމަށެވެ. އަދި އެ ޕްރޮޖެކްޓާ އެކު އިތުރު އިންވެސްޓަރުންނާއެކު ރާއްޖެއިން އިގްތިސާދީ ބޮޑު ބަދަލެއް ފެންނާނެ ކަމަށް ވެސް ސަރުކާރުން އޭރު ބުނެފައިވެ އެވެ.

އެ ސެންޓަރު ގާއިމްކުރަނީ 780,000 އަކަމީޓަރުގެ ސަރަހައްދެއްގަ އެވެ. އެ ސަރަހައްދުގައި 6,500 އަށް ވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެ ކަމަށް ބަލާފައިވާއިރު، ދުވާލެއްގެ މައްޗަށް 35,000 މީހުން މި ސަރަހައްދަށް ޒިޔާރަތްކުރާނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ

ކޮމެންޓްތައް

ކޮމެންޓް ކުރައްވަން ލޮގިން ކުރައްވާ

ލޮގިން