މިއީ މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިންގުމަށް ރައީސް އުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ގެ ރިޔާސަތުގެ ފަހުކޮޅު ކުޅުދުއްފުށީ ސިޓީގައި އިމާރާތްކޮށް ދެއްވާފައިވާ ވަރަށް ފުރިހަމަ ސިނަމާއެކެވެ. މިއިމާރާތުގެ ނަމަކީ ތިލަދެކުނު ސިނަމާ އެވެ. މިއިމާރާތާއެކު އިދާރީކަންކަމަށް ރަނގަޅު ފެންވަރުގެ ރީތި އޮފީސް އިމާރާތެއް ވެސް ހުރެއެވެ. ނަމަވެސް ދެރަކަމަކީ ރައީސް މައުމޫނުގެ ރިޔާސަތަށް ފަހު މި އިމާރާތާއިމެދު އިހުމާލުވެފައިވާ ކަމެވެ. ދައުލަތުގެ ޚަރަދު ގައި އިމާރާތްކޮށްފައިވާ މިފަދަ ތަންތަން ނުބެލެހެއްޓުމުގެ ސަބަބުން ވީރާނާ ވަމުން ދިޔުމަކީ ވަރަށް ބޮޑު އިހުމާލެކެވެ.

އެނގޭ އެއްޗަކީ ދައުލަތުގެ މިފަދަ ތަންތަން ޒީނަތްތެރިކޮށް މަރާމާތުކޮށް ބެލެހެއްޓުން މަތިކޮށްފައިވާ ދައުލަތުގެ ކޮންމެ ވެސް އިދާރާއެއް ހުންނާނެކަމެވެ. އަޅާ ނުލައި ދޫކޮށްލުމަކީ އިހުމާލެއް ކަމެވެ. ޒިންމާ އަދާ ނުކުރެވޭކަމެވެ. މިއިމރާތަކީ އިޖުތިމާޢީ ރޫޙު އާލާކުރުމަށް ވެސް ދީނުގައި ހުއްދަކުރާ ގޮތެއްގެ މަތިން ބޭއްވޭ ސްކޫލްކުދިންގެ ތަމްސީލްތަކަށާއި ފިލްމު ދެއްކުމަށާއި، ޖަލްސާތައް ބޭއްވޭ ގޮތަށް ފުރިހަމަކޮށްފައިވާ އިމާރާތެކެވެ.

މިތަނުގައި ހުރި ރީތި ގޮނޑިތަކާއި ރީތި ސްޓޭޖު ގެ ހާލަތު އަދި އިކްއިޕްމަންޓުތައް ހުންނާނެގޮތެއް މިވަގުތު ވަޒަންކުރާކަށްނޭނގެއެވެ. ފެންނަނީ އިމާރާތް ހަލާކުވެ ފަނާވުމަށް ދޫކޮށްލެވިފައި ހުރިތަނެވެ. ކުޑަ ޚަރަދަކުން މަރާމާތު ކުރަމުން ދިގުމުއްދަތަކަށް ބެލެހެއްޓި ދާނެ އަދި ބޭނުންކުރެވޭނެ އިމާރާތެއް ބައެއްގެ އިހުމާލުން ހަލާކުވުމަކީ ޤައުމީ ލޯބި ހިނގާ ހިތަކަށް ބަލަން ކުޅަދާނަކަމަށް ނުވާނެއެވެ.

