ތިމަންނާ އެންމެ ލޯބިވާ ޕާޓީ އަކީ އެމްޑީޕީ ކަމަށާއި އެ ޕާޓީން ނެރެ އެއްލާނުލާހާ ހިނދަކު ހުންނާނީ އެ ޕާޓީގައި ކަމަށާއި، ގައިން ތަނެއް ކަނޑާލި ނަމަވެސް އަންނާނީ ރީނދޫ ލޭ ކަމަށާއި އަދި އެމްޑީޕީ މީހެއްގެ ގޮތުގައި ނޫނީ މަރުވެގެންދާކަށް ވެސް ބޭނުމެއް ނުވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިފަދައިން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ކެމްޕެއިނަށް ފ. ބިލެއްދޫއަށް ވަޑައިގެން އެ ރަށުގެ މެންބަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ބިލެއްދޫގައި ބޭއްވި މި ބައްދަލުވުމުގައި، ޗެއާޕާސަންގެ މަގާމަށް ހޮވިވަޑައިނުގެންފި ނަމަ ޕާޓީ ދޫކޮށް ދާނެތޯ މެންބަރަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، އިންތިޚާބުން ނާކާމިޔާބުވި ނަމަވެސް ޕާޓީ ދޫކޮށް ވަޑައިނުގަންނަވާނޭ ކަމަށެވެ. ނަމަވެސް އެފަދަ ހާލަތެއްގައި ދެން އޮންނަވާނީ ގޭގައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިޚާބުގެ ކެމްޕެއިންގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން، މުޙައްމަދު ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ އަމާޒަކީ އެމްޑީޕީގެ މެންބަރުންގެ އަދަދު 100,000 އަށްވުރެ މައްޗަށް ގެންދިއުން ކަމަށެވެ.

