ގަވާއިދާއި ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ހޯދާ 6 މަސް ތެރޭ އެމީހުން ޑީޕޯޓް ކުރުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރާއްޖޭގައި ތިބެގެން މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން %98 މީހުން ބަޔޯމެޓްރިކަލީ ކާކުކަން ދެނެގަނެވޭނެ ގޮތަށް 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ ނަގައި ނިމިފައިވާކަމަށެވެ.
17 ނޮވެމްބަރު 2023 ގައި ބަޔޯމެޓްރިކް ނަގާފައިވަނީ %13 ބިދޭސީންކަން ފާހަގަ ކުރައްވައި އެމަނިކުފާނު ވިދާޅުވީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ކުރިއަށް އޮތް 6 މަސް ދުވަހު ބާކީ ތިބި މީހުން ހޯދާ ރާއްޖެއިން ޑިޕޯޓުކުރުމުގެ ހާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.
ސަރުކާރުގެ އަމާޒަކީ 2027 ވަނަ އަހަރުގެ އޭޕްރިލް މަހާ ހަމައަށްދާއިރު، ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމެވެ.
ސަރުކާރުން މިހާރުވެސް ވަނީ ގަވާއިދާއި ހިލާފުވި 6700 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓް ކޮށްލާފައެވެ.

