ޚަބަރު
ހަބަރު

ކުޑަކުދިން ދެކެ ލޯބިވާނަމަ އިސްލާމްދީން އުނގަންނައިދީ: ރައީސް

އާޔަން ސައުދުالله ލަޠީފް
އާޔަން ސައުދުالله ލަޠީފް
|| 28k
ޝެއާ ކުރޭ:
ކުޑަކުދިން ދެކެ ލޯބިވާނަމަ އިސްލާމްދީން އުނގަންނައިދީ: ރައީސް

ކުޑަކުދިން ދެކެ ލޯބިވާނަމަ އިސްލާމް ދީނުގެ އަގީދާ އުނގަންނައިދިނުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ކުޑަކުދިން ދެކެ ހަގީގީ ލޯބިވާނަމަ، އެކުދިންނަށް އިސްލާމް ދީނުގެ ސައްހަ އަގީދާ އުނގަންނައިދީ، ދީނީ ކަންކަމަށް އަހުލުވެރި ކުރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން އިލްތިމާސް ކުރެއްވީ، މިއަދު ފާހަގަ ކުރަމުންދާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްސަ މެސެޖެއްގައެވެ. ރައީސްގެ މެސެޖުގައި، ކުޑަކުދިންނަކީ ގައުމުގެ މުސްތަގުބަލު ކަމަށްވާއިރު، އެކުދިން ހެޔޮލަފާ ގޮތުގައި ބޮޑެތި ކުރުމަކީ ކޮންމެ މައިންބަފައިންނާއި ބެލެނިވެރިއެއްގެ ބޮލުގައި އެޅިފައިވާ އެންމެ މުހިންމު ދީނީ އަދި ގައުމީ ޒިންމާކަން ފާހަގަކުރެއްވިއެވެ.

މީގެ ކުރިން ވެސް ކުޑަކުދިން ދީނަށް އަހުލުވެރި ކުރުވުމަށް ރައީސް ވަނީ ބާރު އަޅުއްވާފައެވެ. ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ، ކުޑަކުދިންގެ ހިތްތަކުގައި އިސްލާމްދީނަށް ލޯބި ޖެއްސުމާއި، ނަމާދަށް އަހުލުވެރި ކުރުވުމަކީ އެކުދިންނަށް ދެވޭނެ އެންމެ ބޮޑު ރައްކާތެރިކަން ކަމަށެވެ. އަދި ދިވެހިވަންތަ ކަމާއި، ދިވެހި ބަހާއި، އާދަކާދަ ތަކަށް އިސްކަންދޭ، އަދަބުވެރި ޖީލެއް ބިނާ ކުރުމަށް ހުރިހާ ބެލެނިވެރިން ވެސް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެމަނިކުފާނު މީގެ ކުރިން ވެސް ބާރުއެޅުއްވިއެވެ.

މީގެ އިތުރުން، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކާއި ގޯނާތަކުން އެކުދިން ރައްކާތެރި ކުރުމަކީ މުޅި މުޖުތަމައުގެ ވާޖިބެއް ކަން ފާހަގަ ކުރައްވަމުން، ކުދިންނަށް އޯގާތެރިކަމާއި އަޅާލުން ދިނުމުގައި ނަމޫނާ ދެއްކުމަށް ވެސް ރައީސް އިލްތިމާސްކުރެއްވިއެވެ.

ކުޑަކުދިންގެ ދުވަސް ރާއްޖޭގައި ކޮންމެ އަހަރަކު ވެސް ފާހަގަ ކުރަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށާއި، އެކުދިންނަށް އުފާވެރި މުސްތަގުބަލެއް ހޯދައި ދިނުމަށް ބާރުއެޅުމުގެ މަގުސަދުގައެވެ.

ކޮމެންޓްތައް

ކޮމެންޓް ކުރައްވަން ލޮގިން ކުރައްވާ

ލޮގިން