ހުޅުމާލޭގައި ކުނި ނަގަން ތިބި މާލެސިޓީގެ މުވައްޒަފުންތަކެއްގެ ބޮލަށް ކުނިވެފައިވާ ކުންޏާއި ރިހަ އޮއްސާލައިފިއެވެ. މި ހާދިސާ ހިނގީ އިއްޔެގެ ވަގުތެއްގައެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ އެ ކައުންސިލުގެ މުއައްޒަފުން، މާލެ ހިޔާ-2ގެ، ކުނި އަޅާ ސަރަޙައްދުން ކުނި ނެގުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެ ޢިމާރާތުގެ ފްލެޓެއްގެ ބަދިގެއާ ވީފަރާތު ބެލްކަނިން، ހަޑިވެފައި ހުރި ކާ އެއްޗިއްސާ، އެކި ބާވަތުގެ ކުނި އަޅާފަހުރި ކޮތަޅެއް ވައްޓާލުމުން، އެ ވަގުތު އެތާގައި މަސައްކަތްކުރަމުންދިޔަ މާލެ ސިޓީ ކައުންސިލްގެ މުއައްޒަފެއްގެ ބޮލުގައި ޖެހި، އެ މީހާގެ ބޯ ދުޅަވެ، އެ މީހާ އަށް އަނިޔާ ވެފައިވާ ކަމަށެވެ.
އެ ކައުންސިލުން އިތުރަށް ބުނީ މާލެ ހިޔާ ފްލެޓްތުގެ ކުނި، މާލެ ސިޓީ ކައުންސިލުން ޤަވާޢިދުން ނަގަމުން ދަނިކޮށް، މި ފަދަ ނާ ތަހުޒީބު، ދަށު ދަރަޖައިގެ ޢަމަލު ހިންގުމަކީ، އެއް ވެސް ގޮތަކުން ބަލައިގަނެވޭނެކަމެއް ނޫނެވެ. އެހެންކަމުން، މި ފަދަ ވިޔާނުދާ ޢަމަލުތައް ތަކުރާރު ނުކުރުމަށް، އިލްތިމާސް ކުރާ ކަމަށެވެ.

