ވ. އަތޮޅު ކަނޑުއަޑީގެ ހޮހަޅައިގައި ތާށިވެފައި ތިބި ކަމަށް ބެލެވޭ އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަނޑު ހޯދުމުގެ ނުރައްކާތެރި މިޝަންގައި ރާއްޖެއަށް އެހީތެރިވުމަށް އިޓަލީގެ ސަރުކާރާއި، ފިންލެންޑާއި އަދި ރައީސުލްޖުމްހޫރިއްޔާގެ ލަފަޔާއި އެކު، ތިން ސްޕެޝަލިސްޓަކު މިއަދު އައިސްފިއެވެ. އެ ތިންމީހުންނަކީ ކަނޑުއަޑީގެ ހޮހަޅަތަކުގައި ޑައިވް ކުރުމުގެ ތަޖުރިބާކާރުންނެވެ.
މިއީ ނުލާހިކު ރިސްކު ބޮޑު އޮޕަރޭޝަނެކެވެ. ބުނެވޭ ގޮތުގައި އެ ހޮހަޅައަކީ ތިންކަފިވެފައިވާ، އަދި ވަންނަ މީހާ އަށް ނުކުންނަން އެހާމެ އުނދަގޫ ގޮތަކަށް ހެދިފައިވާ ގާތްގަނޑަކަށް 200 ފޫޓު ދިގު އަދި ކަނޑުގެ ސަތަހައިން 160 ފޫޓު އަޑީގައި އޮތް ތަނެކެވެ. މިއީ ރާއްޖޭގައި އާންމުކޮށް ޑައިވް ކުރުމަށް ހުއްދަދޭ 100 ފޫޓުގެ މިންގަނޑަށްވުރެ ދެގުނަ ފުން މިނެކެވެ
އެހެންކަމުން އެ ހޮހަޅައިގެ އަޑިއާއި، ހަނި މަގުތަކާއި އަދި ވަކިން ހާއްސަކޮށް އެހާ ދިގު އަދި އެހާ ފުނުގައި (ގާތްގަނޑަކަށް 60 މީޓަރު އަޑީގައި)ވާ ތަނަކަށް ވުމުން ޑައިވަރުންނަށް ޑިކޮމްޕްރެޝަންގެ ނުރައްކާތަކާއި ކުރުމަތިވާނެ ކަމަށް އެކްސްޕާޓުން ބުނެއެވެ. 
ނަމަވެސް އެކްސްޕާޓުން ބުނާ ގޮތުގައި އަދިވެސް ގެއްލިފައިވާ ހަށިގަނޑުތައް ފެނުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް މި މިޝަން އިންތިހާއަށް އުނދަގޫވަނީ އެތަނުގެ ފުންމިނާއި، އެތަން ހުރި ގޮތުންނާއި، މޫސުމާއި ގުޅުން ހުރި ބޮޑެތި ގޮންޖެހުންތަކާއި ހެދިއެވެ. 
ފިންލޭންޑްގެ އެކްސްޕާޓުން ނުވަތަ ހޮހަޅަ ޑައިވަރުންނަށް ދުނިޔޭގެ ސަމާލުކަން ލިބުނީ 2014 ވަނަ އަހަރުއެވެ. އެއީ ނޯވޭގެ ކަނޑުއަޑީގައިވާ ނުރައްކާތެރި ހޮހަޅައިން ހަށިގަނޑުތައް ހޯދުމުންނެވެ.

