"އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީއަކާއި ގުޅިގެން ކްރިމިނަލް ކޯޓުން ނެރެފައިވާ ގެގް އަމުރު، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، އެމްޖޭއޭއަކީ އެ އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ފަރާތަކަށް ނުވާތީ، އަމުރު އިސްތިއުނާފު ކުރުމުގެ ހައްގު އެ ޖަމްއިއްޔާއަށް ނެތްކަމަށް ކަނޑައެޅުމަށްފަހު މައްސަލަ ބޭރުކޮށްލައިފިއެވެ.
ގެގް އަމުރު ނެރުމަކީ އެމެރިކާ، އިނގިރޭސިވިލާތް ފަދަ ކުރިއަރާފައިވާ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ވެސް ޕްރެކްޓިސް ކުރާ އުސޫލެކެވެ. ސަބަބަކީ ހިނގަމުންދާ މައްސަލަތަކަށް ނުފޫޒު ފޯރުވޮޔަނުދީ، ހަސްމުންގެ މަސްލަހަތު ހިމާޔަތް ކުރުމަށެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި އަންގާފައިވަނީ އެ ޑޮކިއުމެންޓްރީ ދައުރު ނުކުރުމަށާއި، އޭގައިވާ އެއްވެސް ވާހަކައެއް ސީދާކޮށް އަދި ނުސީދާކޮށް ވެސް ނުދެއްކުމަށެވެ. މީގެ އިތުރުން މައްސަލައިގެ ހަސްމުންނާއި ކުށުގެ ޝިކާރައަކަށްވީ މީހުންގެ ވާހަކަތަކުގެ އިތުރުން ޝަރީއަތާ ގުޅުންހުރި ލިޔެކިޔުންތަކާއި މައުލޫމާތު ފެތުރުން ވެސް ވަނީ މަނާކޮށްފައެވެ. އަދި އެއިން ކަމަކާ ހިލާފުވުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެކަމަށް އަމުރުގައި ބަޔާންކޮށްފައިވެއެވެ.

