ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ދިއްބަރު ދާއިރާގެ މެންބަރު އަނުމަދު ނާޒިމް ވަކިކުރަން ހުށަހެޅީ ސަރުކާރު ވައްޓާލަން 23 މެންބަރުން ގޮވައިގެން މަސައްކަތް ކުރައްވަން އުޅުއްވާތީ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވާ ވާހަކަތަކާއި ޕީއެންސީގެ ވާހަކަތަކާއި ދިމަލެއް ނުވެއެވެ.
ޕީއެންސީން ހުށަހެޅި ގަރާރުގައި ބުނީ އޭނާ ވަކިކުރަނީ މަގާމުގެ ނާޖާއިޒު ނުފޫޒު ބޭނުންކޮށްގެން ފިތުނަ އުފައްދާ، މަސްލަހަތު ގެއްލުވާލަން އުޅުއްވާތީ ކަމަށެވެ. އަދި، ނާޒިމްގެ ސަބަބުން މެންބަރުންނަށް އެ ބޭފުޅުންގެ ޒިންމާ އަދާކުރުމުގައި ދަތިވެފައިވާ ކަމަށް ވެސް އެ ގަރާރުގައިވެއެވެ.
ނާޒިމް ވަކިކުރަން ހުށަހެޅި ގަރާރުގައި ޕީއެންސީގެ 73 މެންބަރުން ވަނީ ސޮއިކޮށްފައެވެ.
ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅުއްވާ ވާހަކަ ނަޝީދު ދައްކަވާއިރު، ގާނޫނުއަސާސީގައި ވާގޮތުން ރައީސް ވަކިކުރެވޭނީ މަޖިލީހުގެ ތިންބައިކުލަ އެއްބައި މެންބަރުންގެ ވޯޓުންނެވެ. އެހެންވެ، އެކަން ކުރާނަމަ، ޕީއެންސީގެ ގިނަ އަދަދެއްގެ މެންބަރުންގެ ތާއީދު އެ ކަމަށް ބޭނުންވާނެއެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ޕީއެންސީގެ 23 މެންބަރުން ތިއްބެވީ ނާޒިމާ އެކުގައެވެ. އެކަމަކު، ޕީއެންސީން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.
ގާނޫނުއަސާސީގައި ވާގޮތުން، މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުންގެ ވޯޓުން ރައީސް ވަކިކުރަން ފާސްކޮށްފިނަމަ، މަގާމުން ދުރުވާނެއެވެ. މީގެ ކުރިން ރާއްޖޭގެ އެއްވެސް ރައީސަކު މަޖިލީހުން އެ ފަދައިން ވަކިކޮށްފައެއް ނުވެއެވެ.

