ޕެރަގުއޭގެ ގައުމީ ފުޓްބޯޅަ ޓީމުން ޖަރުމަނު ބަލިކޮށް ހޯދި ތާރީޚީ ކާމިޔާބީއާ ގުޅިގެން، 30މކ އަންގާރަ ދުވަހަކީ ގައުމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވައި، ކުޅުންތެރިންނަކީ ގައުމީ ބަތަލުންގެ ގޮތުގައި އެ ގައުމުގެ ރައީސް ސެންޓިއާގޯ ޕެންޔާ އިޢުލާން ކުރައްވައިފިއެވެ.
ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 32 ގެ ބުރުގައި ވަރުގަދަ ޖަރުމަނު ބަލިކޮށް، މުބާރާތުގެ ގަދަ 16 ގެ ބުރަށް ޕެރަގުއޭ ދަތުރުކުރުމުން އެ ގައުމުގެ ރައީސް ސެންޓިއާގޯ ޕެންޔާ ވަނީ މުޅި ގައުމަށް ސަރުކާރު ބަންދު ކަމަށް އިޢުލާން ކުރައްވާފައެވެ. މި ކާމިޔާބީއާއެކު ޕެރަގުއޭގެ މަގުތަކަށް އެތައް ހާސް ބަޔަކު ނުކުމެ، ދަނީ އުފާފާޅުކުރަމުންނެވެ.

މެޗުގެ ޚުލާސާ
ޕެރަގުއޭގެ ޚޫލިއޯ އެންސީސޯ ލަނޑު ޖަހައިދީފައިވަނިކޮށް، ޖަރުމަނަށް އެއްވަރުކޮށްދިނީ ކައި ހާވާޓްޒްއެވެ. ފުރިހަމަ ވަގުތާއި އިތުރު ވަގުތު ކުޅުނުއިރު 1-1 އިން އެއްވަރުވުމުން، ޕެރަގުއޭ މެޗު ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެން 4-3 ގެ ނަތީޖާއަކުންނެވެ. ޕެރަގުއޭ ކީޕަރު އޮރްލާންޑޯ ގިލް ޖަރުމަނުގެ ދެ ޕެނަލްޓީ މަތަކުރިއިރު، މޮޅުވި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ކާމިޔާބު ޑިފެންޑަރު ހޯސޭ ކަނާލޭއެވެ.
ރައީސްގެ ބަސްފުޅު
ރައީސް ސެންޓިއާގޯ ޕެންޔާ ސޯޝަލް މީޑިއާ އެކްސް ގަޔާއި ރަސްމީ ގަރާރުގައި ވިދާޅުވީ، މިއީ ހަމައެކަނި ކުޅިވަރުން ލިބުނު މޮޅެއް ނޫން ކަމަށާއި، މިއީ ޕެރަގުއޭގެ ރައްޔިތުން ހޯދި މޮޅެއް މަށެވެ. އަދި މިފަދަ ބޮޑު ކާމިޔާބީއެއްގައި ސަރުކާރު ހިމޭނުން ނޯންނާނެ ކަމަށާއި، ހުރިހާ ރައްޔިތުންނަށް އެކުގައި އުފާފާޅުކުރުމުގެ ފުރުސަތު ދިނުމަށްޓަކައި ސަރުކާރު ބަންދު ކަމަށް އިޢުލާން ކުރެއްވީ ކަމަށް ވިދާޅުވިއެވެ.
މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ޖަރުމަނު ޕެނަލްޓީން ބަލިވި ފުރަތަމަ ފަހަރެވެ. ޕެރަގުއޭ ދެން ބައްދަލުކުރާނީ ފްރާންސް ނުވަތަ ސްވިޑަންއާއެވެ.

