ޚަބަރު
ދުނިޔެ

އެމެރިކާގެ ނުރައްކަލުގެ ލިސްޓުގެ އެންމެ ކުރިޔަށް އިޒުރޭލު

ހަސަން އަލީ
ހަސަން އަލީ
|| 2.7k
ޝެއާ ކުރޭ:
އެމެރިކާގެ ނުރައްކަލުގެ ލިސްޓުގެ އެންމެ ކުރިޔަށް އިޒުރޭލު

އިޒްރޭލުން ވޮޝިންޓަންގެ އިސް އޮފިޝަލުންނަށް ފާރަލައި ޖާސޫސުކުރާތީ ޕެންޓަގަނުން އިޒްރޭލުގެ ކައުންޓަރ އިންޓަލިޖެންސް ނުރައްކަލުގެ ދަރަޖަ އެންމެ މަތީ ފަންތިއަށް އުފުލައިފިއެވެ.

އެމެރިކާގެ އޮފިޝަލުން އެންބީސީއަށް މައުލޫމާތު ދިން ގޮތުގައި، ޑީއައިއޭގެ އެތެރޭގެ މެސެޖެއްގައި އިޒްރޭލުގެ ނުރައްކަލުގެ ދަރަޖަ ވަނީ "ކްރިޓިކަލް" ނުވަތަ ނުރައްކާތެރި ފަންތިއަށް މަތިކޮށްފަ އެވެ.

ނިއުޔޯކް ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ އިންޓަލިޖެންސް އިދާރާތަކުން މިހާރު އެންމެ ބޮޑަށް ފޯކަސް ކުރަނީ، ޓްރަމްޕްގެ އިސް އެޑްވައިޒަރުން ކަމަށްވާ ސްޓީވް ވިޓްކޮފް އާއި، ޕެންޓަގަނުގެ އިސް އޮފިޝަލް އެލްބްރިޖް އޭ ކޯލްބީ އަދި އޭނާގެ ނައިބު މައިކަލް ޕީ ޑިމީނޯ ފަދަ ބޭފުޅުންގެ ވާހަކަތައް ސިއްރުން އަޑުއެހުމަށް އިޒްރޭލުން ކުރާ މަސައްކަތްތަކަށެވެ. މީގެ ކުރިން ކޯލްބީ ވަނީ އެމެރިކާއިން އިޒްރޭލާ އެކު ބާއްވާ ގުޅުން އަލުން މުރާޖައާކޮށް ރިސެޓް ކުރަން ޖެހޭ ކަމަށް ގޮވާލައްވާފަ އެވެ.

ރިޕޯޓްގައިވާ ގޮތުން، އިޒްރޭލުގެ ފަރާތުން އޮތް ޖާސޫސީ ނުރައްކަލުގެ ދަރަޖަ މިހާރު ވަނީ އެމެރިކާގެ އެހެން އެއްވެސް އެކުވެރި ގައުމަކަށްވުރެ މަތީގަ އެވެ.

އޭޕްރީލް މަހު ހަމަލާބަދަލުކުރުން ހުއްޓާލި ފަހުން، ޓްރަމްޕް ދަނީ އީރާނާ އެކު ސުލްހަ ގާއިމުކޮށް، ފެބުރުއަރީ 28 ގައި ފެށި ހަނގުރާމަ ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރައްވަމުންނެވެ. މިއީ އިޒުރޭލު ރުހޭ ކަމެއް ނޫނެވެ.

ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އީރާނަށް ބޮން އެޅުމަށް ބާރުއަޅުއްވަމުން ގެންދަވާއިރު، ލުބުނާނަށް ދޭ ހަމަލާތައް މަދުކުރުމަށް ޓްރަމްޕް ކުރައްވާ އިލްތިމާސްތަކާ ގުޅިގެން ދެ ބޭފުޅުންގެ މެދުގައި ވަނީ މައްސަލަ ޖެހިފަ އެވެ.

ކޮމެންޓްތައް

ކޮމެންޓް ކުރައްވަން ލޮގިން ކުރައްވާ

ލޮގިން