ޕީއެންސީގެ ގިނަ މެންބަރުންތައް މިއަދު މަޖިލިސް ޖަލްސާ ބޮއުކޮޓް ކޮށްލައިފި އެވެ. ވެރިކަންކުރާ ޕާޓީގެ ގިނަ މެންބަރުންތަކެއް ހާޒިރުނުވުމުގެ ސަބަބުން ކޯރަމް ގެއްލި، މިއަދުގެ ޖަލްސާއާއި މުހިންމު ދެ ކޮމިޓީއެއްގެ ބައްދަލުވުން ވެސް ކެންސަލްވީއެވެ.
މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މިއަދު ހެނދުނު ބާއްވަން ތާވަލުކުރި ޖަލްސާއަށް ވަޑައިގަތީ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމާއި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ހަ މެންބަރުން އެކަންޏެވެ.
މަޖިލީހުގެ ޖަލްސާއެއް ފެށުމަށް މަދުވެގެން 23 މެންބަރުން ތަޅުމުގައި ތިއްބަވަން ޖެހޭއިރު، އެ އަދަދަށް މެންބަރުން ހަމަނުވުމުން ހެނދުނު 10:00 އާ ހަމައަށް މަޑުކުރުމަށްފަހު ޖަލްސާ ވަނީ މާދަމާއަށް ފަސްކޮށްފައެވެ.
މިއާއި އެކު ހެނދުނު 10:30 އަށް ތާވަލުކުރި ސަލާމަތީ ޚިދުމަތްތަކާބެހޭ (241) ކޮމިޓީއާއި، 11:15 އަށް ތާވަލުކުރި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ވެސް ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

