ޕެންޝަން އޮފީސް މެދުވެރިކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފައިސާ ޗާޕުކުރަން އުޅުނު މައްސަލައިގައި ހިތްހަމަނުޖެހުން ފާޅުކުރައްވައި ޕެންޝަން ބޯޑުން އިސްތިއުފާ ދެއްވި ސަރުވަޝް އާދަމް މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ގުޅިވަޑައިގެންފިއެވެ.
ރާއްޖޭގެ އެންމެ ކުޅަދާނަ އެއް އިކޮނޮމިސްޓް ކަމަށްވާ ސަރުވަޝް އާދަމް އެމްޑީޕީ އާއި ގުޅިވަޑައިގަތުމަށް ފަހު ނެރުއްވި ވީޑިއޯ މެސެޖުގައި ވިދާޅުވީ، އެމްޑީޕީން ވަނީ މިނިވަންކަމުގެ ތެރެއިން ވަރަށް ގިނަ ހެޔޮ ބަދަލުތަކެއް ދިވެހި ރާއްޖެ އަށް ގެނެސްދީފައެވެ. އެގޮތުން ހިންގުމުގެ ނިޒާމް އިސްލާހުކުރުމާއި ހައްގުތައް ހޯދައިދިނުމާއި، އިޖުތިމާއީ އަދާލަތު ގާއިމް ކުރުން ފަދަ ކަންކަން ހިމެނޭކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ސަރުވަޝް ވިދާޅުވީ ރާއްޖެއަށް މިހާރު އެންމެ ބޮޑަށް ބޭނުން ވެފައި ވަނީ މުއައްސަސާތަކުގެ ހިންގުން ހަރުދަނާ ކޮށް އިގްތިސާދީ ރިފޯމެއް ގެނައުމަށް ކަމަށާއި، ސަރުކާރަށް ބަރޯސާވާ ރައްޔިތެއްގެ ބަދަލުގައި އަމިއްލަ ހަލާލު މަސައްކަތުން އާމްދަނީ ހޯދާ އިގްތިސާދީ ގޮތުން ބާރުވެރި ރައްޔިތުންތަކެއް ބިނާކުރުމެވެ.
މީގެ އިތުރުން ސަރުވަޝް ވިދާޅުވީ ރާއްޖޭގެ އާބާދީ މުސްކުޅިވުމުގެ ކުރިން މުއްސަނދި ގައުމަކަށް ރާއްޖެ ހަދައި، ރާއްޖޭގެ ރައްޔިތުންނަށް ތަނަވަސް އާމްދަނީއެއް ހޯދައިދިނުމަށާއި، ފުދުންތެރި އަދި ޖަވާބުދާރީ ވަނިވި ދައުލަތެއް ބިނާކުރަން ޖެހޭ ކަމަށެވެ.
އެހެންކަމުން ރާއްޖޭގެ ކަންކަން އިޞްލާޙް ކުރުމަށް ކުރާ މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވުމަށް ޓަކައި އެމްޑީޕީ އާއި ގުޅިވަޑައިގަތީ ކަމަށް ވިދާޅުވިއެވެ.
އަޙްމަދު ސަރުވަޝް އާދަމް އަކީ ދިވެހި ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ، ހާއްސަކޮށް މާލީ ދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. މީގެ ކުރިން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމު ވެސް އަދާކުރެއްވިއެވެ. ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަދި ފިސްކަލް އެފެއާޒް ޑިޕާޓްމަންޓްގެ އިސްވެރިޔާގެ މަގާމު ފުރުއްވުމުގެ އިތުރުން ދައުލަތުގެ ބަޖެޓް މެނޭޖްކުރުމާއި ފިސްކަލް ރިފޯމްތައް ގެނައުމުގައި ބޮޑު ދައުރެއް އަދާކުރެއްވި ކަން ފާހަގަ ކުރެވެއެވެ.

