ދިވެހިރާއްޖެ އަށް ބޭރުގެ ގޮތް ނޭނގޭ ދެބޯޓު ވަދެ ނަގިލި ވެސް އަޅައިގެން އޮއްވާ ފެނިއްޖެ އެވެ.
މި ދެބޯޓުގެ ތެރެއިން 1 ބޯޓަށް ކިޔަނީ KG-1 އެވެ. އަނެއް ބޯޓަށް ކިޔަނީ AL-1 އެވެ. މިއީ ތެޔޮޓޭންކަރުގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ދެ އުޅަނދެވެ.
ދިވެހި ބޮޑު ކުންފުންޏަކާއި ގުޅިގެން މި ދެ ބޯޓު ރާއްޖެ އަށް ވަދެފައި ވަނީ އޭގެ AIS ނުވަތަ އޮޓެމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް ވެސް ނިއްވާލައިގެން، އެހާ ވެސް ސިއްރުން ކަމަށް އިތުބާރު ހުރި އިދާރާގެ ބޭފުޅަކު ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި މި އުޅަނދު ތަކުގެ ވެރިފަރާތަކީ އޭޖީ މެރިން - ޝަރްޖާހް އެވެ. ބެލެވޭ ގޮތުގައި މިއީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ކުންފުންޏެއްގެ ދަށުން އޮޕަރޭޓް ކުރަމުންދާ 2 ބޯޓެވެ.
މި ދެބޯޓް ރާއްޖެ އަށް ވަނީ އެއްވެސް އެޖެންޓެއް ނެތިއެވެ. ކަސްޓަމަކަށް ނާންގައެވެ. އެމްޕީއެލް އަކަށް ވެސް ނާންގައެވެ. އިމިގްރޭޝަނަށް ވެސް ނާންގައެވެ.
މި ދެ ބޯޓު ރާއްޖެ އަށް ވަދެފައިވާ ތާރީހަކީ އޭޕްރީލް 26 ކަމަށް ވެއެވެ.
ކޯސްޓުގާޑަށް ފެނިގެން އެމްޕީއެލް އަށް އަންގާފައި ވަނީ މިމަހުގެ 6 ގައެވެ.
މި މައްސަލަ މިހާރު ދަނީ ވަރަށް ސީރިއަސް ކޮށް އިދާރާތަކުން ބަލަމުން ކަން އެނގިފައި ވެއެވެ.

