މިސަރުކާރުން މަޝްރޫޢުތައް ކުރިއަށް ގެންދަނީ ތަރައްޤީއާއި ތިމާވެށި ގުޅިލާމެހިގެންދާނެ ގޮތަކަށް ކަމަށާއި، މީގެ ސަބަބުން ތިމާވެށި ޙިމާޔަތްކުރުމުގައި ދުނިޔޭގެ އެހެން ޤައުމުތަކަށް ނަމޫނާ ދައްކާނެ ޤައުމަކަށް ރާއްޖެވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އެވަގުތެއްގައި ރައްޔިތުންގެ ވިންދު އެކަމަކާ ގުޅިފައިވާ ދާއިރާއަކަށް ޚާއްސަކޮށްގެން، "ދަ ޕަލްސް" ނަމުގައި ރައީސް އޮފީހުން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ތިމާވެށި ހިމާޔަތް ކުރުމުގެ ޕްރޮގުރާމުގެ ތެރެއިން މުޅި ދުނިޔޭގައި އަބަދުވެސް އެންމެ ބާރަށް ވަކާލާތު ކުރަނީ ބިން ތިރި ރާއްޖެ އިންނެވެ. ރާއްޖެ އަކީ ބިން ތިރި ވުމުގެ ސަބަބުން އަޑިއަށް ހިނގައިދާނެ ތަނެއް ކަމަށް ކުރީގެ ރައީސަކު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެކަމާއި މިހާރުގެ ރައީސް ޑރ. މުޢިއްޒު ދެކޮޅު ހައްދަވައެވެ.
ރައީސް މުޢިއްޒުގެ ވިދާޅުވީ ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމަށް ކުރިއަށް އޮތް 2 އަހަރު ތެރޭގައި ހާސިލުކުރަން ބޭނުންވާ މުހިންމު ލަނޑުދަނޑިތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޒަމާނީ ކުނިކޮށިތައް ޤާއިމުކުރުމާއި، ހުރިހާ ރަށެއްގެ ގޮނޑުދޮށް ޙިމާޔަތްކުރުމަކީ އަމާޒެއް ކަމަށެވެ. އަދި ރާއްޖެ ފެހިކުރުމުގެ ބޮޑު މަޝްރޫޢެއް ކާމިޔާބުކަމާއެކު ނިންމުމާއި، އިޔާދަކުރަނިވި ހަކަތައިގެ 33 އިންސައްތައިގެ އަމާޒު ހާސިލްކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

