މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން އެކަށައެޅި ޑޮލަރު މާރުކުރުމުގެ ސިޔާސަތުގެ ސަބަބުން ރާއްޖޭގެ ރިޒާވް ނެގެޓިވް ވިޔަ ނުދީ ސަލާމަތް ކުރެވުނު ނަމަވެސް، މި ފިޔަވަޅާއެކު ކަޅު ބާޒާރުގައި (ޕެރަލަލް މާކެޓް) ޑޮލަރުގެ ރޭޓް އަތްނުފޯރާ ފަށަށް މަތިވަމުންދާ ކަމަށް، ތާއްޖޭގައި މިވަގުތު ހުންނެވި އެންމެ މޮޅު އެއް އިގްތިސާދީ މާހިރު، ކުރީގެ ޗީފް ބަޖެޓު އެގްޒެކެޓިވް އަހުމަދު ޝަރުވަސް އާދަމް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީ އާއި "އަދަދު" ނޫސް ގުޅިގެން ކުރިއަށްގެންދިޔަ ޚާއްސަ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޝަރުވަސް ވިދާޅުވީ، 2024 ވަނަ އަހަރު ރާއްޖޭގެ ރިޒާވް ނެގެޓިވްވުމާއި ގުޅިގެން ސަރުކާރުން ބާޒާރުގައި ހުރި ޑޮލަރު އެމްއެމްއޭއަށް ގެނައުމަށް އެޅި ފިޔަވަޅަކީ އެވަގުތަށް ވަރަށް މުހިންމު ސިޔާސަތެއް ކަމަށެވެ. ނަމަވެސް، މި ބަދަލާއެކު ބާޒާރުގެ ޑޮލަރު ރޭޓް މަތިވެގެންދާނެ ކަން ކުރިންވެސް އަންދާޒާ ކުރެވޭ ކަމަށާއި، މިހާރު ވެސް އެ ރޭޓް ހުރީ ހުއްޓުމެއް ނެތް ގޮތެއްގައި މަތިވަމުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޝަރުވަސް އިތުރަށް ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާއި ސަރުކާރުގެ ހަރަދުތައް މަތިވުމުގެ ސަބަބުން ފިޒްކަލް ސައިޑުން ޑޮލަރަށް އޮތް ޑިމާންޑް ބޮޑުވެ، އިގުތިސާދަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. މީގެ އިތުރުން، ބޭރުގެ ރޭޓިން އޭޖެންސީތަކުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދެފަހަރު ދަށްކުރުމާއި ގުޅިގެން ބައިނަލްއަގުވާމީ މާކެޓުން ފައިސާ ހޯދުމުގެ ފުރުސަތު ނުވަތަ "މާކެޓު އެކްސެސް" މިހާރު ވަނީ ގާތްގަނޑަކަށް އެއްކޮށް ގެއްލިފައެވެ. އެހެންކަމުން، ބަޖެޓުގެ ޑެފިސިޓް ކުޑަކުރުމަށްޓަކައި 2023 ވަނަ އަހަރުގެ ތެރޭގައި ޓީޖީއެސްޓީއާއި ޖީއެސްޓީ އަދި އެއާޕޯޓް ފީތައް ބޮޑުކުރުމަށް ފެށި އިސްލާހީ ސިޔާސަތުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަކީ ގައުމުގެ މާލީ ހާލަތު ހަމަހިފެހެއްޓުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް އިކޮނޮމިސްޓް ސަރުވަޝް ވިދާޅުވިއެވެ.
ބޭރުގެ މާކެޓުތަކުންނާއި، ބޭރު ގައުމުތަކާއި އޮންނަ ބައިލެޓްރަލް ގުޅުންތަކުގެ ތެރެއިންނާއި، އަދި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ފަދަ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ފައިސާ ހޯދުމަށް ހުރި މަގުތަކަށް ހުރަސް އެޅިއްޖެ ނަމަ، ދެން އޮންނާނެ ހަމައެކަނި ގޮތަކީ ރާއްޖޭގެ އެތެރޭގެ މާކެޓުގައި ހުންނަ ފައިސާއިން ބޭރުގެ ދަރަނިތައް ދެއްކުން ކަމަށް ސަރުވަޝް އިންޒާރު ކުރެއްވިއެވެ. އެގޮތަށް އަމަލުކުރަން ޖެހިއްޖެނަމަ، ގައުމުގެ އެތެރޭގެ ވިޔަފާރިތަކަށާއި މުދާ އެތެރެކުރުމަށް (އިމްޕޯޓަށް) ކޮންމެހެން ބޭނުންވާ ވަރަށްވުރެ ބޭރުފައިސާ ބާޒާރުން މަދުވެ، މާލީ ބޮޑު ތާށިކަމެއް ކުރިމަތިވާނެއެވެ. ޝަރުވަސް ވިދާޅުވީ، މިފަދަ ހާލަތެއްގައި ދަރަނި އަނބުރާ ދައްކަންޖެހޭ ދުވަހު ގައުމުގެ އަތުގައި ހުރި ހުރިހާ ރިޒާވެއް ނުވަތަ ހުރިހާ އެއްޗެއް ހޯދައިގެން ދައްކަން ޖެހުމަކީ މުޅި އިގުތިސާދަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ.

