ޚަބަރު
ހަބަރު

ރާއްޖޭގެ ހުރިހާ ޤާނޫނެއްގެ އިސްލާމްވަންތަކަން ކަށަވަރުކުރާނެ ހަރުދަނާ އާ ނިޒާމެއް ރައީސް އިޢުލާނުކުރައްވައިފި

ހަސަން އަލީ
ހަސަން އަލީ
|| 26k
ޝެއާ ކުރޭ:
ރާއްޖޭގެ ހުރިހާ ޤާނޫނެއްގެ އިސްލާމްވަންތަކަން ކަށަވަރުކުރާނެ ހަރުދަނާ އާ ނިޒާމެއް ރައީސް އިޢުލާނުކުރައްވައިފި

އިސްލާމްދީނާ ޚިލާފު ޤާނޫނުތައް އުފަންވުން ހުއްޓުވަން މަޖިލީހުގެ 3 ވަނަ ދައުރަށް ބޮޑު އިސްލާހެއް ހުށަހެޅުއްވުމަށް ރައީސް ނިންމަވައިފި.

ދިވެހިރާއްޖޭގެ މާތްވެގެންވާ އިސްލާމްދީނާ ފުށުއަރާ ނުވަތަ ދީނުގެ އަސްލުތަކާ ޚިލާފު އެއްވެސް ޤާނޫނެއް ރާއްޖޭގައި އުފަންނުކުރެވޭނެ ފަދަ ހަރުދަނާ ނިޒާމެއް އުސޫލީ ގޮތުންނާއި ނިޒާމީ ގޮތުން ކަށަވަރުކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރަށް ބޮޑު އިސްލާހެއް ހުށަހަޅުއްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވައިފިއެވެ.

މި އަހަރުގެ ޤައުމީ ދުވަސް އިހުތިފާލުކުރުމަށް ހއ. އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހި ޤައުމިއްޔަތުގެ މަދަކީ ކީރިތި ޤުރުއާން ކަމަށްވާއިރު، އިސްލާމްދީނާ ބީރައްޓެހި ނުވަތަ ދީނާ ދުރު ސިޔާސަތުތައް ތަންފީޒުކުރާ ކޮންމެ ފަހަރަކު ރާއްޖޭގެ މިނިވަންކަން ގެއްލި ނުރައްކަލަށް ހުށަހެޅޭތީ، މިފަދަ ޤާނޫނުތައް ހެދުން ކުރިއާލައި ހުއްޓުވޭނެ ފުރިހަމަ ނިޒާމެއް ރާއްޖޭގައި ޤާއިމުވެފައި އޮންނަންޖެހޭ ކަމަށެވެ.

ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު ޤާނޫނުތައް ނުހެދޭނެކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އަމަލީ ގޮތުން އެކަންކަން ބެލުމުގެ ހުރިހާ ޒިންމާއެއް މިހާރު މަތިކޮށްފައިވަނީ ހަމައެކަނި ޝަރުޢީ ކޯޓުތަކަށެވެ.

މީގެ ސަބަބުން، ކޯޓުތަކަށް ވަކި ޤާނޫނަކާ ގުޅޭގޮތުން އެފަދަ އިލްތިމާސެއް ނުވަތަ މައްސަލައެއް ހުށަނޭޅޭނަމަ، އެ ޤާނޫނެއްގެ އިސްލާމްވަންތަކަން ކުރިއާލައި ކަށަވަރުކުރެވޭނެ އެއްވެސް އިޖުރާއީ ނިޒާމެއް މިހާތަނަށް ރާއްޖޭގައި ނެތެވެ.

އެހެންކަމުން، މިހާރު ކަންކަން އޮތް މި އޮތުމަށް ނިމުމެއް ގެންނަވައި، ޤާނޫނުތައް ފާސްވުމުގެ ކުރިންވެސް އޭގެ އިސްލާމްވަންތަކަން ކަށަވަރުކުރެވޭނެ ވަރުގަދަ އޮނިގަނޑެއް އެކުލަވައިލުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ

ކޮމެންޓްތައް

ކޮމެންޓް ކުރައްވަން ލޮގިން ކުރައްވާ

ލޮގިން