ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގައި ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކުން ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންދާ ދަނޑިވަޅެއްގައި، ރަޝިޔާގެ ރިސޯޓް ހޮލިޑޭ ކުންފުނިން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 30،000 އަށްވުރެ ގިނަ ފަތުރުވެރިން ފޮނުވައިފިއެވެ. ޓުއަރިޒަމް މިނިސްޓަރު އަމީން އާއި ފަތުރ7ވެރިކަމުގެ ދާއިރާބެ އިސް ބޭފުޅުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގައި، ރިސޯޓް ހޮލިޑޭއިން ރާއްޖޭގެ މާކެޓަށް އެކަނި މިހާ ގިނަ އަދަދެއްގެ ފަތުރުވެރިން ގެނެސްދީފައިވާއިރު، ރާއްޖޭގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އިތުރު 18 ގައުމަކަށް އެ ކުންފުނިން ދަނީ މިހާރު ވެސް ފަތުރުވެރިން ފޮނުވަމުންނެވެ.
ރިސޯޓް ހޮލިޑޭގެ ޝެއާހޯލްޑަރުންގެ ތެރޭގައި ދިވެހި ކުންފުންޏެއް ވެސް ހިމެނެއެވެ. އެ ގްރޫޕްގައި ރިސޯޓް ހޮލިޑޭގެ މެނޭޖިންގ ޑައިރެކްޓަރު ޝާޒް ވަލީދު ވިދާޅުވީ މި މަސައްކަތަކީ ދިވެއްސަކަށްވީތީ ގައުމަށްޓަކައި ކުރާ ކަމެއް ކަމަށެވެ.
ސަރުކާރުން މިއަހަރު ރާއްޖެއަށް 2.5 މިލިއަން ފަތުރުވެރިން ގެނައުމަށް ހިފާފައިވާ އަމާޒަށް ވާސިލްވުމުގައި، ރިސޯޓް ހޮލިޑޭ ފަދަ ހީވާގި ކުންފުނިތަކުގެ ދައުރު ނުހަނު ބޮޑެވެ.

