2019 ވަނަ އަހަރަށްފަހު ދައުލަތުގެ އެންމެ ބޮޑު އާމްދަނީއެއް ރެކޯޑްކޮށްފައިވަނީ 2025 ވަނަ އަހަރު ކަމަށް މިނިސްޓްރީ އޮފް ފިނޭންސުގެ ރިޕޯޓުން އެނގިއްޖެއެވެ. ރައްޔިތުންގެ ބައިތުލްމާލު ރައްކާކޮށްފައިވާ ތިޖޫރީގައި ލޯވަޅެއް އަލައިގެން އެއިން ފައިސާ ނަގަމުންދާ ކަމަށް ބުނެ ޒަމާނުއްސުރެ ހޮޅުއަށިތަކުގައި މީހުން ދަނީ ވާހަކަދައްކަމުން ވެތެރެމުންނެވެ. އެ ވެތެރޭވެތެރުމާއި ގުޅިގެން ސިޔާސީ ފަރާތްތަކުން ވެސް އެ ވާހަކަތައް އެގޮތަށް ދައްކައި ހޮޅުއަށިތަކުގައި ވެތެރޭ މީހުން ކައްކާލަނީ ސަރުކާރުތަކުން ރައްޔިތުންގެ ތިޖޫރީގައި ހުންނަ ފައިސާ ހުސްކުރާ ކަމަށާއި މަތިމަތިން ދަރަނި ނަގަމުންދާ ކަމަށް ބުނެއެވެ.
ލޯވަޅު ބެދިއްޖެ
ފިނޭންސުގެ ރިޕޯޓުން އެނގެ ގޮތުގައި މިދިޔަ އަހަރުގެ ބަޖެޓުން ހަރަދުކުރަން ނިންމާފައިވާ ރައްޔިތުންގެ ފައިސާއިން 5 ބިލިއަން ރުފިޔާ ކުޑަކުރެވިފައިވެއެވެ. ނުވަތަ ސަލާމަތް ކުރެވިފައި ވެއެވެ. އެކަން އެގޮތަށް ކުރީ ހަރުދަނާ މާލީ ސިޔާސަތު ތަންފީޒުކޮށްގެންނެވެ. އެ އަހަރުގެ ތެރޭގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން ލަފާކޮށްފައި އޮތެވެ. ނަމަވެސް ޖުމްލަ އާމްދަނީ 39.9 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ ލަފާކުރި ވަރަށް ވުރެ 74.4 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ފިނޭންސް މިނިސްޓަރީން ނެރުނު ރިޕޯޓުން އެނގޭ ގޮތުގައި ރައްޔިތުންގެ ބައިތުލްމާލު މި އިތުރުވުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމާ ގުޅުންހުރި އާމްދަނީ އާއި ޓެކްސް ނޫން އާމްދަނީ އިތުރުވުމުން ކަމަށެވެ.
އެ މިނިސްޓްރީން ބުނާ ގޮތުގައި ރިސޯޓް ލީސް އިތުރުކުރުމުގެ ފީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ރިސޯޓު ކުލީގެ އާމްދަނީ 2.1 ބިލިއަން ރުފިޔާ އަށް އަރާފައިވާއިރު، ވޯކް ޕާމިޓް ފީގެ ގޮތުގައި 793.4 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ހަމައެއާއެކު ސަރުކާރުން ކުރިއަށް ގެންދިޔައީ ހަރުކަށި ބަޖެޓް ސިޔާސަތުތަކުގެ ތެރެއިން ހަރަދުތައް ކޮންޓްރޯލް ކުރަމުންނެވެ. ޖުމްލަ ހަރަދު ހީކުރި ވަރަށް ވުރެ ދަށްވުމުން ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް އެހީތެރިވެދީފައިވެ އެވެ.
މިދިޔަ އަހަރުގެ ތެރޭގައި ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް އެހީތެރިވެދީފައިވާކަން އެ މިނިސްޓްރީން ފާހަގަކުރިއެވެ. އާންމު ހިދުމަތްތަކާއި ސަބްސިޑީތަކާއި އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމްތައް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިޔަ އެވެ.
2025 ވަނަ އަހަރުގެ ނަތީޖާއިން ދައްކާ ގޮތުގައި ސަރުކާރަށް އާމްދަނީ އިތުރު ކުރެވުނީ ހަރަދުތައް ކޮންޓްރޯލް ކުރުމުންނެވެ.
އެހެންކަމުން، ގަވާއިދުތައް ހަރުދަނާކޮށް ތަންފީޒު ކުރުމަކީ މި މަސްދަރުތަކުން ލިބޭ އާމްދަނީ އިތުރު ކުރުމަށް އެހީތެރިވެދިން ކަމެއް ކަން އެނގެއެވެ. ކުރިން ކުރި ކަރަދުތައް މިހާރު ކުޑަވެފައި ވުމަކީ އިސްވެ ދެންނެވުނު ފައިސާ ލީކުވާ ލޯވަޅު ބެދި، ދައުލަތަށް ފައިދާ ވުމެވެ. މާލީ މިސްރާބު ރަނގަޅު ވުމެވެ.

