ދުނިޔޭގެ މާލީ ނިޒާމް އަންނަނީ ބަދަލުވަމުން ކަމަށާއި، ޑިޖިޓަލް ފައިސާ ތަޖުރިބާކުރުމަށް ކުރިއަށްގެންދާ "ކޮމަންވެލްތް ޔޫނިއަން ބްލޮކްޗެއިން ނެޓްވޯކް" (CUBN) އަކީ ބްލޮކްޗެއިން ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރާނެ މަޝްރޫޢެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ގިނަ ޢަދަދެއްގެ އިސް ވެރިންނާއި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެސް ހިމެނިވަޑައިގަންނަވާ ވަޓްސްއެޕް ގްރޫޕެއްގައި ނަޝީދު ވިދާޅުވީ CUBN އަކީ ޑިޖިޓަލް މާލީ މާޙައުލު ރެގިއުލޭޓް ކުރުމާއި ވަކާލާތު ކުރުމުގައި ޝާމިލުވާ މުއައްސަސާއެެއް ކަމަށާއި ކޮމަންވެލްތް ޔޫނިއަންގެ ފުރިހަމަ އެއްބާރުލުމާއެކު ކުރިއަށްދާ މި މަޝްރޫޢުގައި ކޮމަންވެލްތުގެ 56 ޤައުމަކާއި، މީނާ (MENA) ސަރަޙައްދުގެ 7 ޤައުމެއްގެ ގުޅުން ހިމެނެއެވެ. މީގެ އިތުރުން، މިއީ 19 މެންބަރު ޤައުމަކުން ބަލައިގެންފައިވާ "ކޮމަންވެލްތް މޮޑެލް ލޯ އޮން ޑިޖިޓަލް އެސެޓްސް" ގެ އުޞޫލުތަކުގެ މައްޗަށް ބިނާވެފައިވާ، ރަސްމީ ހައިސިއްޔަތު ލިބިފައިވާ މަސައްކަތެއް ކަމަށް ވިދާޅުވެ، އެއީ ސްކޭމެއް ނޫންކަން ފާހަގަކުރެއްވިއެވެ.
ނަޝީދު ވިދާޅުވީ މި މަޝްރޫޢު ހިންގުމަށްޓަކައި ބައިނަލްއަޤްވާމީ އެޑްވައިޒަރީ ކައުންސިލެއް ހިމެނޭހެން ރަސްމީ ގަވަރނަންސް އޮނިގަނޑެއް ވަނީ އެކުލަވާލާފައެވެ. މިއީ އެތައް އަހަރަކަށް ބިނާކޮށްފައިވާ ރޯޑްމެޕެއްގެ ދަށުން، ދެފުށް ފެންނަ ގޮތަށް ފައިނޭންސް ހޯދައިގެން، ތަފްޞީލީ މާލީ މޮޑެލްއެއްގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށާއި، މި މަޝްރޫޢަކީ ޓޯކަން ޕްރީސޭލް ނުވަތަ ޢާންމުންގެ އަތުން ފަންޑު ހޯދައިގެންނާއި، ވަކި މިންވަރަކަށް ފައިދާ ލިބޭނެކަމުގެ ގެރެންޓީ ދީގެން ހިންގާ އޮޅުވާލުމާއި މަކަރުގެ އެއްވެސް އަމަލެއް ހިމެނޭ މަސައްކަތެއް ނޫންކަމުގެ ޔަޤީންކަން ނަޝީދު ވަނީ ދެއްވާފައެވެ.
ނަޝީދު މިހެން ވިދާޅުވިއިރު މިއީ ސްކޭމެއް ކަމަށް ބުނެ 5 ގަޑިއިރުގެ ތަހުގީގެއް ވެސް ބަޔަކު ވަނީ ޢާންމު ކޮށްފައެވެ. އެ ތަހުގީގުގައިވާ ގޮތުގައި؛
* މި ޓޯކަންގެ ޖުމްލަ ސަޕްލައިގެ 73.13 އިންސައްތަ ހިއްސާކުރަނީ އެންމެ 195 ވޮލެޓުން.
* މި 195 ވޮލެޓުގައި ޖުމްލަ 731 މިލިއަން CWU ޓޯކަން ހުރިއިރު، މިއީ ޖުމްލަ 1 ބިލިއަން ސަޕްލައިގެ ބޮޑު ބައެއް.
* ބްލޮކްޗެއިން ޑޭޓާއިން ދައްކާގޮތުގައި މި ހުރިހާ ވޮލެޓެއްގެ ބެލެންސް ހުރީ އެންމެ 6 ލެމްޕޯޓް (Lamport) ގެ ތަފާތެއްގަ.
* މިއީ އެއްވެސް ހާލެއްގައި އާންމުކޮށް މީހުން ވިޔަފާރިކުރާ އުސޫލެއް ނޫން،
* މި ހުރިހާ ވޮލެޓްތަކަކީ އެއް ފަރާތަކުން އެއް ސްކްރިޕްޓެއް ބޭނުންކޮށްގެން ކޮންޓްރޯލްކުރާ ވޮލެޓްތަކެއްކަން މީގެން ސާފުވެއެވެ.
* މީގެ އިތުރުން، މި ވޮލެޓްތައް އުފައްދާފައިވާ ވަގުތަށް ބަލާއިރު، 93 ވޮލެޓެއް އުފައްދާފައިވަނީ 2026 އޭޕްރިލް 9 ވަނަ ދުވަހުގެ 00:19:41 އާއި 42 އާ ދެމެދު އެންމެ ސިކުންތެއްގެ ތެރޭގައެވެ. މި ހުރިހާ މައުލޫމާތަކީ ބްލޮކްޗެއިން އިން ފެންނަން ހުރި ހެކިތަކެއް ކަމަށް ތަހުގީގުގައި ބުނެފައި ވެއެވެ.
މި މައުލޫމާތުތައް ޝެއާކޮށް، މި މައްސަލައިގައި ތުހުމަތުގެ އިނގިލި ދިގުކުރެވޭ ޢަބްދު ޝާހިދު ވިދާޅުވީ އޭނާގެ ފޮޓޯ އޭގައި ނުޖެހުމަށް އެދިވަޑައިގެންނެވި ކަމަށެވެ.

