މެދުއިރުމަތީގައިވާ ނުތަނަވަސްކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އޭގެ ނޭދެވޭ އަސަރު ކޮށްފައިވާ މި ދަނޑިވަޅުގައި ރާއްޖޭގެ ބޮޑު ދިދަ އުފަލާއި އެކު ވިހުރެން ފެށީ މިއަދު އައި ކްރޫޒަޝިޕުން ގިނަބަޔަކު މާލެ އަށް ފައިބައި، އިގުތިސާދަށް “ތެޔޮ” ޖެހުމުންނެވެ.
މިއަދު ރާއްޖެ އަށް ބަނދަރުކުރި ކްރޫޒް ޝިޕުން ހާހެއްހާ މީހުން އައި ކަމަށް މާޔާ އިން ބުނެއެވެ.
މި ކްރޫޒް ޝިޕުން ރާއްޖެ އަށް މިއަދު އެކަނި ވެސް ފަނގަޅު އާމްދަނީ އެއް ވަންނާނެއެވެ. ބޯޓުގައި ތިބި މީހުންގެ ކޮންމެ ބޮލަކަށް 5 ޑޮލަރު ޓެކްސްގެ ގޮތުގައި ނަގާނެއެވެ. މީގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީ އަށް 13000 ޑޮލަރު، އެންޓްރެންސް ފީ އަށް 46000 ރުފިޔާ އެމްޕީއެލް އަށް 1 ލައްކަ ރުފިޔާ ، އިއްޒުއްދީން ފާލަމަށް ފައިބާތީ 24000 ރުފިޔާ، އަދި ރާއްޖޭގެ އަމިއްލަ ލޯންޗުފަހަރާއި ދޯނިފަހަރު ތަކަށް ދެ ލައްކައެއްހާ ރުފިޔާ މިއަދު އެކަނި ލިބޭނެއެވެ. މިއީ މި ކްރޫޒްޝިޕުން އިގްތިސާދަށް މިއަދު އެކަނި ވަންނަ ފައިސާއެވެ. މީގެ އިތުރުން ގެސްޓް ޝޮޕްތަކާއި ކެފޭ ރެސްޓޯރެންޓް ތަކަށް ވެސް ފައިސާ ވަންނާނެއެވެ.
ކްރޫޒް ޝިޕްތަކަކީ ދުނިޔޭގެ އެހެން ގައުމުތަކުން “މަރުދޭ” ކަމެކެވެ. ނަމަވެސް ރާއްޖޭގައި ހާއްސަކޮށް ޓުއަރިޒަމް މިނިސްޓްރީން ކްރޫޒް ޝިޕްތަކަށް ދޭންވީ އަޅައިލުމެއް ނުދޭކަން ފެންނަ ފެނުމުން އެނގެއެވެ.

