ޓޫރިޒަމް ޕްރޮމޯޝަން ބޯޑަކީވެސް އަދި ސަރުކާރުގެ އެހެނިހެން ބޯޑުތަކަކީވެސް މިހާރު ވަޒީފާ އުފެއްދުމުގެ މަގުސަދުގައި ހިންގާތަންތަން ކަމަށް, ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވާ ވަޓްސްއެޕް ގްރޫޕެއްގައި ބުނެފިއެވެ. މި ގްރޫޕުގައި ތިބެނީ ރިސޯޓު އޯނަރުންނާއި ފަތުރުވެރިކަމުގެ ދާއިރާގައި އުޅުއްވާ ވިޔަފާފިވެރިންނެވެ.
އަހްމަދު ޝަރީފް ކިޔާ ބޭފުޅަކު ވިދާޅުވީ، ޓޫރިޒަމް ޕްރޮމޯޝަން ބޯޑުން ފުރަތަމަ ކުރަން ޖެހޭ ކަމަކީ ރާއްޖޭގެ ޓޫރިސްޓް ޗާޓު އަލުން ކުރަހާށެވެ. އަދި، މާލޭގަޔާއި ޓޫރިޒަމް ފުޅާވަމުން އަންނަ މީހުން ދިރިއުޅޭ ރަށްތަކުގެ މަގުތަކުގެ ނަންތައް އެނގޭހެން ކޮންމެ ރަށެއްގައި ޗާޓެއް ބަހައްޓަން އެބަޖެހޭ ކަމަށާއި، މިހާރު ރާއްޖެއަށް އަންނަ އެތަކެއް ޓޫރިސްޓުންނެއް ރައްރަށުގެ ރަސްމީ މުދާ އުފުލާ ފެރީތަކާއި އާންމު ފެރީތަކުން ދަތުރު ކުރަމުންދާ ކަމަށެވެ.
"އެންމެ ގިނަ މީހުން ފުރަން އަންނަ ތަނަކީ ޖެޓީ 6، 7، 1 ނަންބަރު އަދި ހެންވޭރު ޓާމިނަލް، ފުރަން އަންނަ މީހުން އިށީދެލާނެ ތަނެއްނެތް، ފާހާނާއެއްނެތް، ޓޫރިސްޓުންނަށް ފަސޭހައިން ޓެކުސީ ނެގޭނެ ކިޔޫލައިނެއްނެތް، މައުލޫމާތު ދޭނެ ކައުންޓަރެއްނެތް، އިންޓަނެޓް ލިބޭނެ ގޮތެއްނެތް، މާލޭގެ ސަގަރޭ ޕާކު އޮތީ ވަށައިގެން ކަޅުދާ ޖަހާފައި، މާލޭގެ މަލަމަތީގައި ނެތް ޓޫރިސްޓުން އެޓްރެކްޓްވާނެ އެއްވެސް ކަމެއް، ޓޫރިޒަމް ޕްރޮމޯޓް ކުރުމަކީ ހަމައެކަނި ދުނިޔޭގެ ހުރިހައި ފެއާތަކަށް ބޮޑު ސްޓޯލެއް ހަދައިގެން ދިއުމެއްނޫން"،
ރާއްޖޭގެ ޓޫރިސްޓުން އުޅޭ ހިސާބުތަކުގައި ޓޫރިސްޓް އެޓްރެކްޝަންތަކެއް ހަދާލީމާ އެމީހުން މިޒަމާނުގައި ސޯޝަލް މީޑިއާގައި ރާއްޖެ ޕްރޮމޯޓްކުރާނެ ކަމަށާއި، ހަގީގަތަކީ ޓޫރިސްޓް ފައިސާ ޓޫރިޒަމް ތައްޤީކުރަން ހޭދައެއް ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ، ހޭދަކުރާނަމަ ދެގުނަ ތިން ގުނަ ޓޫރިސްޓް ފައިސާ އިތުރަށް ލިބުނީސްކަން ކަށަވަރު ކަމަށް ވެސް ވިދާޅުވިއެވެ.

