ޚަބަރު
ޓުއަރިޒަމް، ވިޔަފާރި

ކުރިން އޮތް 22 ޕަސަންޓުވެސް ފަހަތަށް ސޮއްސާލައިފި: ޝާޒް ވަލީދު

ހަސަން އަލިމަނިކު (މަނިކުފާނު)
ހަސަން އަލިމަނިކު (މަނިކުފާނު)
|| 2.9k
ޝެއާ ކުރޭ:
ކުރިން އޮތް 22 ޕަސަންޓުވެސް ފަހަތަށް ސޮއްސާލައިފި: ޝާޒް ވަލީދު

ރާއްޖޭގެ އެންމެ މުހިއްމު އިގްތިސާދީ ދާއިރާ ހިމާޔަތް ކުރުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކާއި އަވަސް ހައްލުތަކެއް ތައާރަފް ކުރުމަށް ސަރުކާރަށް ޝާޒު ވަލީދު ގޮވައިލެއްވި

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެނަ ރާއްޖެއަށް ފަތުރުވެރިން އައުން މަދުވެ ރިސޯޓްތަކުގެ އަގުތައް ދަށަށް ގޮސް، ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް މާލީ ގޮތުން ބޮޑު ޕްރެޝަރެއް ކުރިމަތިވެފައިވާ ކަމަށް ބުނެ މަޓާޓޯގެ ނައިބުރައީސް ޝާޒް ވަލީދު އިންޒާރު ދެއްވައިފިއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝާޒް ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގެ މައިބަދަ ކަމަށްވާ ޓޫރިޒަމް ދާއިރާ އަށް ސަރުކާރުގެ ކުރީކޮޅު ކުރިއެރުންތަކެއް ލިބުނު ނަމަވެސް، މިހާރު ބަލިކަށިވެއްޖެ ކަމުގެ އަލާމާތްތައް ފެންނަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ ބައެއް ރިސޯޓުތަކުގެ އަގު ބޮޑުތަނުން ހެޔޮކުރަން މަޖުބޫރުވެއްޖެ ކަމަށާއި ސަބަބަކީ ޑިމާންޑް ދަށްވުމާއި ބުކިން އޮޕްޝަންތައް މަދުވުމުން ކަމަށެވެ.

ޝާޒް ވިދާޅުވި ގޮތުގައި މި އަހަރުގެ ކުރީކޮޅު ފަތުރުވެރިކަމުގެ ސިނާއަތް ގާތްގަނޑަކަށް 20 ޕަސެންޓް ކުރިއަރާފައިވީ ނަމަވެސް އެ ދުވެލި ވެސް މިހާރު ވަނީ ބަލިކަށިވެފަ އެވެ. އޭނާ ވިދާޅުވީ ކަންބޮޑުވުންތަކަށް އެކަށީގެންވާ ވަރަށް ސަރުކާރުން ރައްދު ނުދޭ ކަމަށެވެ.

"މުޅި ދުނިޔެއަށް މެދުއިރުމަތީގެ ހަނގުރާމައިގެ އަސަރު ކުރަމުންދާއިރު، ފަތުރުވެރިކަމަކީ އެންމެ ބޮޑަށް ގެއްލުން ލިބިފައިވާ ސިނާއަތްތަކުގެ ތެރޭގައި ހިމެނޭ ސިނާއަތެއް،" ޕްރޮގްރާމްގެ ތެރެއިން ޝާޒް ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ ޓޫރިސްޓު ހޮޓާތަކުން އަގުތައް ހެޔޮކުރަން މަޖުބޫރު ވެއްޖެ ކަމަށާއި މިކަމުގެ ސަބަބުން ވިޔަފާރިތަކަށާއި މުވައްޒަފުންނަށް އަދި އިގްތިސާދަށް ބޮޑެތި ޕްރެޝަރުތަކެއް ކުރިޔަށް އޮތްތަނުގައި ވާނެ ކަމަށެވެ.

ޓޫރިޒަމް އިންޑަސްޓްރީގެ ބޭފުޅުން ލަފާކުރާ ގޮތުގައި އެކަށީގެންވާ ފިޔަވަޅު ނާޅައިފިނަމަ ރާއްޖެއަށް މި ދާއިރާއިން 500 މިލިއަނަށް ވުރެ ގިނަ ޑޮލަރުގެ ގެއްލުމެއް ލިބޭނެއެވެ. ރާއްޖޭގެ އެންމެ މުހިއްމު އިގްތިސާދީ ދާއިރާ ހިމާޔަތް ކުރުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކާއި އަވަސް ހައްލުތަކެއް ތައާރަފް ކުރުމަށް ސަރުކާރަށް ޝާޒު ވަލީދު ގޮވައިލެއްވިއެވެ.

ކޮމެންޓްތައް

ކޮމެންޓް ކުރައްވަން ލޮގިން ކުރައްވާ

ލޮގިން