ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ހުރި ގާނޫނުތަކާއި ގަވާއިދުތައް ފުށުއަރަމުންދާތީ، އޭގެ ސަބަބުން މުޅި ސިނާއަތް ސުންނާފަތިވަމުންދާ ކަމަށް ވިދާޅުވެ، މަޓާޓޯގެ ނައިބު ރައީސް އަދި ރިސޯޓް ލައިފްގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝާޒް ވަލީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ އިސް އިންވެސްޓަރުން ހިމެނޭ ވަޓްސްއެޕް ގުރޫޕެއްގައި ރޭ (ހުކުރުވިލޭރޭ) ޝާޒް ވިދާޅުވީ، ސަރުކާރުގެ ހަރުކަށި ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދުގެ މައިބަދަ ކަމަށްވާ ފަތުރުވެރިކަން މިއަދު ދަނީ ފުނޑުފުނޑުވަމުންނެވެ.
ޝާޒް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި ރިސޯޓް ތަރައްގީކުރުމަށް ބޭނުންވާ ބޮޑެތި ލޯނުތަކަކީ ދިވެހި ބޭންކުތަކުން ނުވަތަ މަރުކަޒީ ބޭންކުން ލިބޭ އެއްޗެއް ނޫނެވެ. ވިޔަފާރިވެރިން މި ބޮޑެތި ލޯނުތައް ނަގަނީ ބޭރު ގައުމުތަކުގެ ބޭންކުތަކުން އެމީހުން ޝަރުތުކުރާ ހަރުކަށި އުސޫލުތަކަށް އެއްބަސްވެގެން ކަމަށާއި، އެ ލޯނުތައް އަނބުރާ އަދާކުރަން ޖެހެނީ ހަމައެކަނި ޑޮލަރުން ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، ލިބޭ އާމްދަނީ ސަރުކާރުން "ފޭރިގަންނަމުންދާ" ނަމަ، ބޭރުގެ ބޭންކުތަކަށް ދައްކަން ޖެހޭ ޑޮލަރު ލޯނުތައް ނުދެއްކި، ރިސޯޓުތައް ބޭންކްރަޕްޓްވެ، ބައިނަލްއަގުވާމީ މާލީ ބާޒާރުގައި ދިވެހި ވިޔަފާރިވެރިން ބްލެކްލިސްޓްވުމުގެ ބިރު މިއަދު އިންތިހާއަށް އެބައޮތް ކަމަށް ޝާޒް އިންޒާރު ދެއްވިއެވެ.
ބޭރުން ބަލާލުމަށް ރިސޯޓް ހިންގުމަކީ ފައިދާ ބޮޑު ކަމެއްހެން ހީވިޔަސް، އެއީ ގަދަ ކަނޑެއްގައި ބޮއްކުރާ ކެނބުން ކަހަލަ އިންތިހާ ބުރަ، އަދި ލައްކަ ދަތިތަކާ ކުރިމަތިލާންޖެހޭ ކަމެއްކަން ޝާޒް ވިދާޅުވިއެވެ. އަދި ރިސޯޓެއް ހަދައިގެން ކިރިޔާވެސް ހިންދެމިލެވެނީ ވިއްސަކަށް އަހަރުގެ ބުރަ މަސައްކަތުން ކަމަށްވާއިރު، ސަރުކާރުން ވިޔަފާރިވެރިންނާ މެދު ހިތްކަޅުކޮށް ގެންގުޅޭ "ޖާހިލު" ސިޔާސަތުތަކުގެ ސަބަބުން މުޅި ސިނާއަތް އިނދަޖެހި، އޭގެ ނޭދެވޭ އަސަރު ސިނާއަތަށް ބަރޯސާވެފައިވާ އާންމު އާއިލާތަކަށް ކުރަމުންދާ ކަމަށް ބުނެ ޝާޒް ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ޝާޒް މިހެން ވިދާޅުވީ ރިސޯޓުތަކުގެ ޖުމްލަ އާމްދަނީ އިން 40 ޕަސަންޓު ސަރުކާރަށް “ނަގަން” ސިޔާސަތު ބަދަލުކުރާތީވެ އެ މައްސަލަ އާއި ގުޅިގެންނެވެ.

