ޚަބަރު
ހަބަރު

ބޭރުފައިސާ ޤާނޫނުގައި ރިސޯޓުތަކުން ޑޮލަރުން މުސާރަ ދިނުމަށް ހުރަހެއް ނެތް

ހަސަން އަލީ
ހަސަން އަލީ
|| 1.7k
ޝެއާ ކުރޭ:
ބޭރުފައިސާ ޤާނޫނުގައި ރިސޯޓުތަކުން ޑޮލަރުން މުސާރަ ދިނުމަށް ހުރަހެއް ނެތް

ޤާނޫނަށް ގެނައި އިސްލާހުގައި މިގޮތަށް ބަޔާންކޮށްފައި ނުވޭ. ގެނައި އެއް ބަދަލަކީ ރިސޯޓުތަކުން %40 ބޭންކުތަކަށް މާރުކުރުން ލާޒިމްކުރުން. މިއަދަދަށް މާރުކުރަން ދަތިވާ ނަމަ އެކަން އެންގުމުން ލުއިދޭނެ.

ރާއްޖެއަށް ވަންނަ ބޭރުފައިސާގެ އާމްދަނީގެ ބޮޑު ބައެއް ބޭންކިން ނިޒާމުގެ ތެރޭގައި ދައުރު ނުވުމާއި، އަދި ރާއްޖެއިން ދައްކަން ޖެހޭ ބޭރުގެ މާލީ އިލްތިޒާމުތައް ބޮޑުވެގެން ދިއުން ވެގެން ދިޔައީ ބޭރުފައިސާއަށް އޮންނަ ޑިމާންޑް ބޮޑުވެ، ބޭރުފައިސާގެ އާންމުކޮށް ބޭނުންކުރާ އެމެރިކާ ޑޮލަރުގެ އަގު އުފުލިގެން ދިއުމުގެ ސަބަބަކަށެވެ.

މާލީ އިލްތިޒާމުތައް ބޮޑުވުމުގައި ހަނގުރާމައިގެ ސަބަބުން އިމްޕޯޓް ކުރުމަށް ކުރަންޖެހޭ ޚަރަދުތައް އިތުރުވުމާއި ބާޒާރުގައި ތެލުގެ އަގު 3 ގުނަ އުފުލުން ހިމެނެއެވެ. މީގެ އިތުރުން އިޤްތިޞާދުގައި ދައުރުވާ ދިވެހި ރުފިޔާ އިތުރުވުމަކީ ބޭރުފައިސާއަށް އޮތް ޑިމާންޑް މަތިވުމުގެ ސަބަބެކެވެ. މިކަންކަމުގެ މައްޗަށް މިއަހަރު އަދާކުރަންޖެހުނު ދަރަނިތަކުގެ ސަބުބުން ރާއްޖޭގެ ރިޒާވް ދަށްވިއެވެ. އަދި މާލީ ނިޒާމުގެ ތެރެއިން ދޫކުރެވޭ ބޭރުފައިސާގެ މިންވަރު ދަށްވިއެވެ.

މިކަންކަމާއެކުވެސް ރާއްޖެއިން ބޭރުފައިސާގެ ދަތިކަމެއް ނެތި ލިބެމުން ދިޔައެވެ. މައްސަލައަކަށްވެގެން ދިޔައީ އެމެރިކާ ޑޮލަރުގެ އަގު އުފުލުމެވެ. ޤަވާއިދާ ޚިލާފަށް ބޭރުފައިސާގެ ވިޔަފާރި ކުރުން އިތުރުވުމުގެ ސަބަބުން މަރުކަޒީ ބޭންކުން ފައިސާގެ ސިޔާސަތު ހަރުކަށި ކުރަން ޖެހުނެވެ. އަދި ބޭރުފައިސާގެ ޤާނޫނަށް އިސްލާހުތަކެއްވެސް ވަނީ ގެނެސްފައެވެ.

ރިސޯޓު މުވައްޒަފުންނަށް ބޭރުފައިސާއިން މުސާރަ ދެވޭނެ

ބޭރުފައިސާގެ ޤާނޫނަށް އެންމެ ފަހުން ގެނައި އިސްލާހާއެކު ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތް ކުރާ މުވައްޒަފުން ކަންބޮޑުވުންތައް އިތުރުވިއެވެ. މައިގަނޑު ސަބަބަކީ މި ބަދަލުތަކާއެކު ބޭރުފައިސާއިން މުސާރަ ލިބެމުން އައި ރިސޯޓު މުވައްޒަފުންގެ މުސާރަ ދިނުން ދިވެހި ރުފިޔާއަށް ބަދަލުކުރާ ވާހަކައާއެކުއެވެ. ނަމަވެސް ޤާނޫނަށް ގެނައި އިސްލާހުގައިވެސް އަދި މީގެ ކުރިންވެސް ޤާނޫނުގައި މިގޮތަށް ބަޔާންކޮށްފައި ނުވެއެވެ. އަދި މިއީ އެއްވެސް އިރެއްގައި ޤާނޫނުން ހުރަސްއަޅާފައިވާ ކަމެއް ނޫނެވެ.

ޤާނޫނަށް ގެނައި ބަދަލުގެ ތެރޭގައި ހިމެނޭ މައިގަނޑު އެއް ބަދަލަކީ ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ބޭންކިން ނިޒާމުގެ ތެރެއިން މާރުކުރުން ލާޒިމް ކުރުމެވެ. ނަމަވެސް މި ބަދަލު ގެނައިނަމަވެސް އެކަމުގައި ރިސޯޓުތަކަށް ލުއިތަކެއް ޤާނޫނުގެ ތެރެއިން ލިބިދެއެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބޭރުފައިސާގެ ޤާނޫނުގައިވާ ގޮތުން، މާރުކުރަންޖެހޭ ބޭރު ފައިސާގެ މިންވަރު ހިސާބުކުރުމަށްފަހު، އެ މިންވަރަށް ބޭރު ފައިސާ މާރުކޮށްފިނަމަ، އެފަރާތްތަކުން އަދާކުރަންޖެހިފައިވާ ބޭރު ފައިސާގެ އިލްތިޒާމެއް ނުވަތަ އިލްތިޒާމްތަކެއް އަދާކުރުމަށް ބޭނުންވާ މިންވަރަށް ބޭރު ފައިސާ އެފަރާތެއްގެ އަތުގައި ނުހުންނާނެކަން ބަޔާންކޮށް އެމްއެމްއޭއަށް ހުށަހެޅުމުން އެމްއެމްއޭއިން އެކަން ބޭލުމަށް ފަހު ލުއިދޭނެއެވެ.

ދިވެހިރާއްޖޭގެ އެތެރޭގެ މުޢާމަލާތްތަކަށް ބަލާއިރު މިހާރު 40 އިންސައްތަ މުޢާމަލާތް ކުރަނީ ބޭރުފައިސާއިން ކަމަށްވުމާއެކު، އެތެރޭގައި ކުރެވޭ މުޢާމަލާތްތައް ދިވެހި ރުފިޔާއަށް ބަދަލުކުރުމަކީ މަރުކަޒީ ބޭންކުން އަބަދުވެސް ގެންގުޅޭ ސިޔާސަތެކެވެ. މަރުކަޒީ ބޭންކުގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ ދުނިޔޭގެ އެހެން ޤައުމުތަކުންވެސް އެޤައުމެއްގެ އެތެރޭގެ ބާޒާރުގައި ބޭނުންކުރާނީ އެޤައުމެއްގެ ފައިސާއެވެ.

އެމްއެމްއޭގެ އޮފިޝަލަކު ހާމަކުރި ގޮތުގައި ރާއްޖޭގެ އެތެރޭގައި ކުރާ މުޢާމާލާތްތައް ދިވެހި ރުފިޔާއަށް ބަދަލުކުރާނީ އެކަމަށް ގެންނަންޖެހޭ މެކްރޯ އިސްލާހުތައް ތަންފީޒުކޮށް އެކަމަށް ތައްޔާރުވެގެންނެވެ. އަދި މިފަދަ ބަދަލެއް ގެންނާނީ އިޤްތިޞާދަށް އަންނަ ބަދަލުތައް ވަރަށް ބޮޑަށް ދިރާސާކުރުމަށްފަހު ކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ. އެމްއެމްއޭގެ މިވަގުތަށް އަމާޒަކީ 2030 ވަނަ އަހަރަށް މި ބަދަލު ގެނައުމެވެ.

ބޭރުފައިސާގެ ކަޅު ބާޒާރަށް ކޮންޓްރޯލް ކުރަން ތަންފީޒީ ފިޔަވަޅުތަކެއް

ބޭރުފައިސާގެ ކަޅު ބާޒާރަށް ކޮންޓްރޯލް ކުރަން ތަންފީޒީ ފިޔަވަޅުތަކެއް

މީގެ ކުރިންވެސް ޤާނޫނާއި ޤަވާއިދުގެ ތެރެއިން ސާރީޙަކޮށް މަނާކޮށްފައިވާ އެއް ކަމަކީ ބެރުފައިސާގެ ކަނޑައެޅިފައިވާ ރަސްމީ ރޭޓުގެ ބޭރުން އެފަދަ މުޢަމަލާތްތައް ކުރުމެވެ. ނަމަވެސް ޒަމާނުއްސުރެ މިކަން ތަންފީޒުނުވެ އޮތުމުން ކަޅު ބާޒާރުގައި އަގުތައް އުފުލި އާންމު ރައްޔިތުންނަށް ބޭރުފައިސާ ލިބުން ދަތިވެގެން ދިޔައީއެވެ.

ޤާނޫނަށް ގެނެނުވުނު އިސްލާހުގައި ކަޅު ބާޒާރު ބޭރުފައިސާ ވިއްކުން މަނާކުރުމާށް ގިނަ ކަންކަން ވަނީ ހިމަނާފައެވެ. އެގޮތުން ރަސްމީ ރޭޓުން ބޭރު އަގުތަށް އިޝްތިހާރުކޮށް ވިޔަފާރިކުރުމަކީ ޤާނޫނީ ކުށެއްކަން ވަނީ ބަޔާންކޮށްފައެވެ. އަދި އެފަދަ ޢަމަލެއް ހިންގާ ފަރާތްތައް ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމަށް ހިމަނާފައިވެއެވެ. މީގެ އިތުރުން ރަސްމީ ރޭޓުން ބޭރުން މިފަދަ މުޢަމަލާތްތައް ހިންގާ މަނީ އެކްސްޗޭންޖަރުންނާއި މެދުވެސް ދަނީ ފިޔަވަޅު އަޅަމުންނެވެ.

އެމްއެމްއެއިން ކަޅު ބާޒާރުގައި ބޭރުފައިސާ ވިއްކުން މަދުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން އެގޮތުން، ބޭންކުތަކަށް ޑޮލަރު މާރުނުކުރާ ރިސޯޓްތަކުގެ ނަންތައް ޢާއްމުކުރުމުގެ އިތުރުން، ޤާވާއިދާ ޚިލާފުވި ބޭރު ފައިސާ މާރުކުރާ އެކްސްޗޭޏްޖަރެއް ވަނީ ބަންދުކޮށްފައެވެ. އަދި، ޤަވާއިދާ ޚިލާފަށް އަގުބޮޑުކޮށް ޑޮލަރު ވިއްކާ ނަމަ ފިޔަވަޅުތައް ތަންފީޒުކުރާނެކަމަށް ތަންފީޒީ އިދާރާތަކުންވަނީ ހާމަކޮށްފައެވެ.

ކޮމެންޓްތައް

ކޮމެންޓް ކުރައްވަން ލޮގިން ކުރައްވާ

ލޮގިން