ދިވެހިރާއްޖޭގެ މާލީ އަދި އިގްތިސާދީ ހާލަތު ދުވަހުން ދުވަހަށް ދަށަށް ދާއިރު، ސިޔާސީ ވެރިން ވާ ހުސް ވައުދުތަކުގެ ސަބަބުން ގައުމު ބޮޑު ސިންގާ އަނދަވަޅަކަށް ވެއްޓެމުންދާ ކަމަށް ވިދާޅުވެ ރިސޯޓް ލައިފްގެ މެނޭޖިން ޑިރެކްޓަރު ޝާޒް ވަލީދު ސަރުކާރަށް ވަރަށް ބޮޑަށް ގޮވާލައްވައިފިއެވެ. ރާއްޖެ ޓީވީން ބޭއްވި ފަތުރުވެރިކަމުގެ ދާއިރާގެ ޚާއްޞަ ޕެނަލް ޑިސްކަޝަނެއްގައި ވާހަކަދައްކަވަމުން ޝާޒް ވިދާޅުވީ، ރާއްޖޭގެ ފެންވަރާއި ނުފޯރާ ފަށުން ވެރިން ބޮޑެތި ވައުދުތައް ވަމުންދާއިރު، އެފަދަ ވާހަކަތައް ދައްކާ ބޭފުޅުންގެ ބުއްދި ސަލާމަތުން ހުރިތޯ ބަލަން މިއަދު ޓެސްޓުކުރަން ޖެހޭ ހިސާބަށް ކަންކަން ހިނގައްޖެ ކަމަށެވެ. އަދި ސިންގަޕޫރާއި ދުބާއީއަށް ރާއްޖެ ހަދާނެ ކަމަށް ބުނެ ވާ ވައުދުތަކަކީ ދޮގުތަކެއްކަން ރައްޔިތުން ގަބޫލުކުރަންޖެހޭ ކަމަށާއި، މިފަދަ ހުސް ހުވަފެންތައް ދައްކާ ވެރިން ވާ ވައުދުތައް ކޯޓުގައި ރަޖިސްޓްރީކޮށް، ނުފުއްދިއްޖެ ނަމަ ދައުވާ ކުރެވޭނެ ގާނޫނީ މަގެއް ރައްޔިތުންނަށް އޮންނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝާޒް ވަނީ ސަރުކާރުގެ މާލީ ނާގާބިލުކަމަށް ރައްދުދެއްވައި، ދައުލަތަށް ފައިސާ ނުވަންނަ ކަމަށް ބުނާ ވާހަކަ ސީދާ ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ،
"މި ދައުލަތަށް އެބަވަދޭ މިހާރު ފައިސާ. މިހާރު އިނގޭތޯ 1.23 ބިލިއަން ޑޮލަރުގެ އާމްދަނީއަށް ވުރެ އިތުރަށް އެބަވޭ. ބޭރު ފައިސާ ދިވެހިރާއްޖެއަށް ބަރާބަރަށް އެބަވަދޭ. ދެން މިވާ ގޮތަކީ ދައުލަތުގެ އިސްރާފް، ހަމަ ސަރުކާރުގެ އިސްރާފް މާބޮޑީ،" ކަމަށެވެ.
40 ޕަސެންޓް ޑޮލަރު ބޭންކަށް މާރުކުރަން މަޖުބޫރުކުރާ ދެއުޅިއެއްނުވާ ސިޔާސަތުގެ ސަބަބުން އާންމު ރައްޔިތުންނަށް އެއްވެސް ލުޔެއް ނުލިބޭއިރު، ޑޮލަރުގެ އަގު 22 ނުވަތަ 23 ރުފިޔާއަށް އަރައި، ބާޒާރުގައި ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިގެންދަނީ ސަރުކާރުގެ މި ބޭކާރު ހަރަދުތަކުގެ ސަބަބުން ކަމަށް ޝާޒް ތުހުމަތުކުރެއްވިއެވެ. އަދި ސަރުކާރުގެ އަމިއްލަ އެދުމަށްޓަކައި ޓޫރިޒަމް ފުނޑާލަން އުޅޭއިރު، އަސްލު ފުނޑިގެންދަނީ ނިކަމެތި ރައްޔިތުން ކަމަށާއި، މިއީ ރައްޔިތުން ބަނދެލައިގެން ތިބެ 'ޒައްގޫމް' ކާންދިނުން ކަހަލަ ކަމެއްގެ ގޮތުގައި ޝާޒް ސިފަކުރެއްވިއެވެ.
މި ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގެންނެވި ސައިރިކްސްގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަރީފް އާއި، ނެޝަނަލް ބޯޓިންގ އެސޯސިއޭޝަންގެ އަޙްމަދު ޒުބައިރު އާދަމް އަދި މާޓާޓޯގެ ސެކެޓްރީ ޖެނެރަލް ޢަބްދުﷲ ސުޢޫދު ވެސް ވަނީ ޝާޒްގެ ވާހަކަތަކަށް އެއްބަސްވެވަޑައިގެން، ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޕެނަލިސްޓުން ވިދާޅުވީ، ވެރިން ހުސް ވައުދުތައް ވުން ހުއްޓާލައި، ގައުމުގެ ހަގީގީ ދަރަނީގެ ބިރުވެރިކަން ރައްޔިތުންނަށް ތެދުވެރިކަމާއެކު ކިޔައިދޭންވެއްޖެ ކަމަށެވެ. އަދި ބޭރު ފައިސާ ބޮޑުކޮށް ހޭދަވާ ތިލަމާލެ ބްރިޖާއި ބިންހިއްކުމުގެ މަޝްރޫޢުތައް މިވަގުތުން މިވަގުތަށް މަޑުޖައްސާލަން މަޖުބޫރުވެފައިވާ ކަމަށާއި، މިފަދަ ދޯހަޅި އުސޫލުތަކުގެ ސަބަބުން ކުރިއަށް އޮތް ހައި ސީޒަންގައި ވެސް ޑޮލަރުގެ އަގު 25 ރުފިޔާއަށްވުރެ މައްޗަށް ގޮސް، ކަޅުބާޒާރު ކުރިއަށްވުރެ މާ ބޮޑަށް ފުޅާވެގެންދާނެ ކަމަށް ޕެނަލްގެ ބައިވެރިން އެއްބަސްވެވަޑައިގެންނެވިއެވެ.

