ޚަބަރު
ޓުއަރިޒަމް، ވިޔަފާރި

ބީއެމްއެލް ސުކޫކް: އިންސާފުވާނެ؟!

ހަސަން އަލިމަނިކު (މަނިކުފާނު)
ހަސަން އަލިމަނިކު (މަނިކުފާނު)
|| 2.4k
ޝެއާ ކުރޭ:
ބީއެމްއެލް ސުކޫކް: އިންސާފުވާނެ؟!

ބޭންކް އޮފް މޯލްޑިވްސްއިން ނެރުމަށް ހުށަހަޅާފައިވާ 300 މިލިއަން ޑޮލަރުގެ ސުކޫކަކީ ދައުލަތުގެ ބަޖެޓަށް އެހީވުމަށް ނުވަތަ ސަރުކާރުގެ ކޭޝް-ފްލޯގެ ބޭނުންތަކަށް ޚާއްސަކޮށްފައިވާ މުއާމަލާތެއް ނޫން.

ސަރުކާރުން ގެރެންޓީ ދީގެން ގައުމީ ބޭންކް ބީއެމްއެލް އިން ނެރުމަށް ހަމަޖެހިފައިވާ ސުކޫކަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުމަށް އަމާޒުކޮށްފައިވާ ކަމެއް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ފިޗް ރޭޓިންގްސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގް މަތިކުރުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، މި ސުކޫކަކީ މެދު ރާސްތާގައި އިގްތިސާދު ކުރިއެރުވުމަށް، ހާއްސަކޮށް ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދުތަކުގައި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އަމާޒުކޮށް ސަރުކާރާއި ބީއެމްއެލް ގުޅިގެންކުރިއަށްގެންދާ މާލީ މުއާމަލާތެއް ކަމަށެވެ.

"މީގެ ކުރިންވެސް އަޅުގަނޑު ދަންނަވާފައިވާ ފަދައިން، ސަރުކާރުން ގެރެންޓީ ދީގެން ބޭންކް އޮފް މޯލްޑިވްސްއިން ނެރުމަށް ހުށަހަޅާފައިވާ 300 މިލިއަން ޑޮލަރުގެ ސުކޫކަކީ ދައުލަތުގެ ބަޖެޓަށް އެހީވުމަށް ނުވަތަ ސަރުކާރުގެ ކޭޝް-ފްލޯގެ ބޭނުންތަކަށް ޚާއްސަކޮށްފައިވާ މުއާމަލާތެއް ނޫން،"ޒަމީރުވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ މި އިސްނެގުމުގެ ބޭނުމަކީ ޓޫރިޒަމްގެ ދާއިރާގެ ތެރެއިން އިގުތިސާދު ކުރިއެރުވުމާއި އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިގުތިސާދީ ހަރަކާތްތައް ފުޅާކުރުން ކަމަށެވެ.

މި ސުކޫކުގެ ސަބަބުން ދައުލަތަށް އާމްދަނީ ލިބޭ ވަސީލަތްތައް އިތުރުވެ، ކުރިއަށް އޮތް އަހަރުތަކުގައި ކަނޑައަޅާފައިވާ މާލީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބާރަކަށް ވާނެ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ ފިޗްގެ ރޭޓިން މަތިވުމަކީ އިގުތިސާދީ ހާލަތު ރަނގަޅުވަމުން އަންނަ ކަމުގެ ހެއްކެއް ކަމަށާއި އަދި މިދިޔަ އެޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ސުކޫކު ކާމިޔާބުކަމާ އެކު އަނބުރާ ދެއްކުމާ ގުޅިގެން ސަރުކާރުގެ މާލީ އިސްލާހީ އެޖެންޑާއަށް އޮތް އިތުބާރު ބޮޑުވަމުންދާ ކަމުގެ ނިޝާނެއް ކަމަށެވެ.

ޒަމީރު ވިދާޅުވި ގޮތުގައި ރައީސްގެ ސާފު ސިޔާސަތަކީ މާލީ ހަމަޖެހުން ކަށަވަރުކުރެއްވުމާއެކު، މެދުރާސްތާގައި ދަރަނީގެ ދެމެހެއްޓެނެވިކަން ޔަގީންކުރެއްވުމެވެ. އަދި އެކަން ކުރައްވާނީ އަމިއްލަ ވިޔަފާރިތަކަށް އިންވެސްޓުކުރައްވައި ރަނގަޅު އުޖޫރައެއް ލިބޭ ވަޒީފާތައް އިގުތިސާދުގެ ތެރޭގައި އުފައްދަވައގެންކަމަށްވެސް ޒަމީރު ވިދާޅުވި އެވެ. 

ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރުމުން ދައްކުވައިދެނީ ސަރުކާރުން ރާވާފައިވާ މާލީ އިސްލާހުތަކާއި، ތަންފީޒުކުރަމުންދާ އިގުތިސާދީ ސިޔާސަތުތަކަށް އިތުބާރު ލިބެމުންދާކަންކަން ފާހަގަކުރައްވަމުން ޒަަމީރު ވިދާޅުވީ އެ ސިޔާސަތުތައް ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަކަމުގެ މައްޗަށް ފިޗުގެ ނިންމުމުން ދަލީލުކުރަ ކަމަށެވެ. 

ކޮމެންޓްތައް

ކޮމެންޓް ކުރައްވަން ލޮގިން ކުރައްވާ

ލޮގިން