ބެއާބޯޓު ގޮތުގައި ރަޖިސްޓްރީ ކުރެވޭ އުޅަނދުފަހަރުގެ ސައިޒު ވަކި މިންވަރެއްގައި ހިފެހެއްޓުމަކީ، ރާއްޖޭގެ ކަނޑުދަތުރުފަތުރާއި ފަތުރުވެރިކަމުގެ ސިނާއަތަށް އޮތް ބޮޑު ހުރަހެކެވެ. ޒަމާނީ ކުދި އުޅަނދުފަހަރާއި ހައިޑްރޯފޮއިލް ޓެކްނޮލޮޖީގެ ދޯނިފަހަރަކީ ފަތުރުވެރިން ގޮވައިގެން ރައްކާތެރިކަމާއެކު މާލޭ އެއާޕޯޓުން ދުރު ރަށްތަކަށް ވެސް ގަދަ ކަނޑުގައި އަރާމުކޮށް ދަތުރުކުރުމުގެ ފުރިހަމަ ގާބިލުކަން ލިބިފައިވާ އުޅަނދުތަކެކެވެ. އެހެންކަމުން، ބެއާބޯޓުގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނީ ހަމައެކަނި ބޮޑެތި ޔޮޓް ނުވަތަ ވަކި ސައިޒެއްގެ އުޅަނދެއް ކަމަށް ލާޒިމްކުރުމަކީ ފަތުރުވެރި ސިނާޢަތުގައި އުޅޭ ފަރާތްތަކުގެ މެދުގައި އޮތް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
ވީ ގޮތް؟
ރައީސް ޔަމީނުގެ ދުވަސްވަރު ހާއްސަކޮށް ސަފާރީ އުޅަނދުފަހަރާއި ލަގްޒަރީ ޔޮޓްތަކުގެ ޑިމާންޑް ބޮޑުވި ދުވަސްވަރު ބެއާބޯޓުގެ ނަމުގައި އުޅަނދުފަހަރު ރާއްޖެއަށް ގެންނަން ފެށިއެވެ. މީގެ މައިގަނޑު ސަބަބަކީ ބޭރުގެ އުޅަނދުފަހަރު ރާއްޖޭގެ ކުންފުނިތަކުން ކުއްޔަށް ގެނެސް، ރާއްޖޭގެ ދިދައިގެ ދަށުގައި ދުއްވޭނެ ފުރުސަތު ހޯދައިދިނުމެވެ. އެހެންކަމުން މިކަމަށް ޚާއްސަ ގަވާއިދުތަކެއް ހެދި، އުޅަނދުފަހަރު ބެއާބޯޓުގެ ގޮތުގައި ރަޖިސްޓްރީކުރަން ފެށިއެވެ.
މިކަމުގެ މައިގަނޑު ސަބަބަކީ ބޭރުގެ ބޮޑެތި އިންވެސްޓްމަންޓްތަކާއި އުޅަނދުފަހަރު ރާއްޖެއަށް ގެނެސް، ދިވެހިންގެ 100 ޕަސަންޓް ކޮންޓްރޯލްގެ ދަށުން އޮޕަރޭޓްކޮށްގެން ފަތުރުވެރިކަމުން ލިބޭ ނަފާ އިތުރުކުރުމެވެ. މީގެ ނަތީޖާ ވެސް ވަރަށް ރަނގަޅެވެ. މިކަމުގެ ސަބަބުން ދިވެހިންގެ ތެރެއިން އެތައް ބަޔަކު ވަނީ ފައިސާ ދައްކަމުންދައްކަމުން ގޮސް ބޭރުގެ އުޅަނދުތައް އަމިއްލަ ކޮށްފައެވެ.
ބެއާބޯޓުގެ ގޮތުގައި އުޅަނދުތައް ގެނެސް ހިންގަމުން އައީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓާއި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ބެލުމުގެ ދަށުން ހެދިފައިވާ “ބެއާބޯޓް ރަޖިސްޓްރޭޝަން ގަވާއިދުގެ” ދަށުން ކަމަށް ވާއިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމެން އުޅެނިކޮށް އެސަރުކާރުން ވަނީ ޤަވާޢިދެއް ހަދައި އެ އަހަރުގެ ޑިސެމްބަރަށް ފަހު ބެއާބޯޓުގެ ގޮތުގައި ވަކި ސައިޒެއްގެ އުޅަނދުތައް ރަޖިސްޓްރީ ނުކުރެވޭނެ ގޮތަށް ހަދާލާފައެވެ. އެ ގަވާއިދުގެ ދަށުން ރަޖިސްޓްރީ ކުރެވޭނީ ހަމައެކަނި ބޮޑެތި ޔޮޓް ނުވަތަ ވަކި ދިގުމިނެއް (މިސާލަކަށް 13.7 މީޓރަށް ވުރެ ދިގުމިން) ހުންނަ އުޅަނދުފަހަރު ކަމަށް ނިންމައި، ކުދި އުޅަނދުތައް ބެއާބޯޓު ކުރުން ވަނީ ހުއްޓުވާފައެވެ.
މިއީ އެއްވެސް ރަނގަޅު ދިރާސާ ކުރުމެއް ނެތި، ޒަމާނީ ޓެކްނޮލޮޖީ އަށް ވެސް ބެލުމެއް ނެތި ނިންމި ނިންމުމެކެވެ. ކަނޑުދަތުރުފަތުރުގެ ސަލާމަތީ ކަންކަމަށް ވުރެ ބޮޑަށް، ހަމައެކަނި ސައިޒަށް ބަލައި ނިންމާފައިވާ ތާކުންތާކުނުޖެހޭ ނިންމުމެކެވެ.

ގަވާއިދު ހަދަން ތިބޭ މީހުން “ރޯނުފިލާ”
މިހާރު އުފައްދާ ކުދި އުޅަނދުފަހަރުގައި ހައިޑްރޯފޮއިލް ފަދަ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްފައި ހުންނައިރު، މި އުޅަނދުތަކަކީ ދަތުރުކުރުމަށް ވަރަށް ރައްކާތެރި އުޅަނދުތަކެވެ.
“ގަވާއިދު ހަދަން މިތިބެނީ ޒަމާނީ ޓެކްނޮލޮޖީ ނޭނގޭ، މި ދާއިރާ ނުވެސް ދަންނަ މީހުން ވީމާ މިފަދަ ގަވާއިދުތައް ހަދަނީ. ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށޭ ބުނާއިރު، ހައިޑްރޯފޮއިލް ޓެކްނޮލޮޖީ އުޅަނދުތައް މާ ބޮޑަށް ވެސް އެތައް ގުނައަކަށް ރައްކާތެރިވާނެ. ކަނޑުގެ ރާޅުތަކުގައި ލޯންޗު ނުތަޅާނެ. ރާޅުތަކުގެ މަތިން އުފުލިގެން ހުރެ ދަތުރުކުރާނީ. މާ އަރާމު ވެސް ވާނެ، މާބާރަށް ދަތުރުވެސް ކުރާނެ. ހުޅުލޭ އެއާޕޯޓުން ފެށިގެން އައްޑޫގެ ރިސޯޓުތަކަށް ފަތުރުވެރިން ގެންދަން ވެސް ސަލާމަތީ ގާބިލުކަން މި ކުދި އުޅަނދުތަކަށް ލިބިގެންވާނެ. ޓޫރިސްޓުން މާހިތްހަމަޖެހޭނެ އޭރަށް.. ކައިރިން ރަށްތައް ފެނުނީމަ އެމީހުން ފޮޓޯވެސް ނަގާނެ. އޭރުން ރާއްޖޭގެ ޓޫރިޒަމް އަނެއްކާވެސް އިތުރު ސްޓެޕެއް އެ މަތިވީ.” ނަން ހާމަކުރަން ނޭދޭ ޓުއަ އޮޕަރޭޓަރަކު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގަވާއިދު މިހާރު އޮތް ގޮތުން އިގްތިސާދީ ގޮތުން ގެއްލުން ލިބެމުންދާ ކަމަށެވެ.
ސައިޒު ބޮޑުކުރަން ލާޒިމްކުރުމުން ކުދި އަދި މެދުފަންތީގެ ދިވެހި ވިޔަފާރިވެރިންނަށް ޒަމާނީ ކުދި އުޅަނދުފަހަރު ބޭރުން ގެނައުމުގެ ފުރުސަތު ބަންދުވީ ކަމަށެވެ.
ބޭނުންވާ އިސްލާހާއި މަގުސަދު:
މިކަމުގެ މައިގަނޑު މަގުސަދަކަށް ވާންވީ، އުޅަނދުގެ ސައިޒަށް އެކަނި ބެލުމުގެ ބަދަލުގައި، އޭގެ ސޭފްޓީ ރޭޓިންގް އަދި ބޭނުންކޮށްފައިވާ ފަހުގެ ޓެކްނޮލޮޖީއަށް ބަލައި ބެއާބޯޓުގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނެ މަގު ފަހިކޮށްދިނުމެވެ. ގަވާއިދުތައް އިސްލާހުކޮށް، ހައިޑްރޯފޮއިލް ފަދަ އުޅަނދުތަކަށް ހުއްދަ ދިނުމަކީ ރާއްޖޭގެ ރިސޯޓް ޓްރާންސްފާ މާކެޓް އެތައް ގުނައަކަށް އަވަސް އަދި ހަރުދަނާކޮށްދޭނެ ކަމެކެވެ. ރާއްޖޭގެ ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ދާނެ ކަމެކެވެ. އުޅަނދެއް ބެއާބޯޓު ކުރެވޭނެތޯ ކަނޑައަޅަންވީ އޭގެ ދިގުމިނުންނެއް ނޫނެވެ. އޭގެ ރައްކާތެރިކަމާއި ޒަމާނީ ފެންވަރުންނެވެ.

